1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްޓީސީސީ ފެރީގެ ޚިދުމަތް ހެންވޭރު ފެރީ ޓާމިނަލަށް!

MTCC Ferry
އެމްޓީސީސީ ފެރީއަކުން ހެންވޭރު ޓާމިނަލަށް މީހުން ފައިބަނީ
މަރިޔަމް އަފީފާ
2,672ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުންދާ މުދާ އުފުލާ ފެރީގެ ޚިދުމަތް ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފިއެވެ.

އެމްޓީސީސީ ފެރީގެ ޚިދުމަތް ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކުރީ މާލޭގެ އަމީނީ މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އަލުން ފެށުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެމްޓީސީސީއިން ވިދާޅުވީ އަމީނީމަގުގެ ސެގްމަންޓު 1 މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާތީ މިއަދުން ފެށިގެން އެ މަސައްކަތް އެއްކޮށް ނިމެންދެން ގްރޭޓާރ މާލެ ސަރަހައްދުގައި އެ ކުންފުނިން ފޯރުކޮށްދެމުން ގެންދާ މުދާ ފެރީގެ ޚިދުމަތް ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

300 × 250

އެގޮތުން، 2026 އޯގަސްޓް 4 ވަނަ ދުވަހުން ފެށިގެން، މަގުގެ މަސައްކަތް އެއްކޮށް ނިމެންދެން މުދާ އުފުލާ ފެރީގެ ހުރިހާ އޮޕަރޭޝަންތަކެއް ކުރިއަށްދާނީ ހެންވޭރު ފެރީ ޓާމިނަލުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަމީނީ މަގުގެ މަސައްކަތް ފެށުމާ އެކު، ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް އަމީނީމަގު އެއްކޮށް ވަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ހަމައެއާ އެކު މަރާމާތުގެ މަސައްކަތަށް އަމީނީމަގުގެ ބައެއް ބަންދުކުރުމާއި ގުޅިގެން ބަސް ދަތުރުތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލާއި ގުޅިގެން އަމީނީމަގު މަރާމާތުކުރުމުގެ ސެގްމަންޓު 1ގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް ދެން ރޫޓް-10ގެ ބަސްތައް މަޑެއް ނުކުރާނެއެވެ.

އަމީނީ މަގުގެ މި ފަހަރުގެ މަރާމާތުގެ ދަށުން މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން، އިތުރު ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ރޭވިފައެވެ. އެގޮތުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނެސް، އާންމުންނަށް ލުއިފަސޭހަވާނެ ގޮތަށް އެ ސަރަޙައްދުތައް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މާފަށް އެދިފައެވެ.

އަމީނީ މަގަކީ އެންމެ ފަހުން 2024 ވަނަ އަހަރު މަރާމާތުކޮށް ނިންމާފައިވާ މަގެއް ކަމުގައި ވިޔަސް، އެ މަގު އަލުން މަރާމާތު ކުރަން ޖެހުނީ މަގުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ބޭނުންކުރަން ދަތިވުމުގެ ސަބަބުންނެވެ. ޚާއްޞަކޮށް މަގުގެ ހުޅަނގު ފަރާތަށް އޮންނަ ސަރަޙައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކުރެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި