އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނާ ބައްދަލު ކުރައްވާ ހާއްސަ ޖަލްސާ މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މޫސުމް ގޯސްވުމުގެ ސަބަބުން ރޭ ކެންސަލްކޮށްލި ޖަލްސާ މިރޭ ބާއްވާނެ ކަމަށް ރޭގައިވެސް ވަނީ އަންގާފައެވެ.

ޕީޕީއެމުން އިންތިހާބީ ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް މިރޭ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ވަނީ ޔަގީންކޮށްދީފައެވެ. މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ލިބިފައި ނުވާތީ ދެވަނަ ބުރެއްގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު ދެވަނަ ބުރުގެ ނަތީޖާ އަށް ބަލާ އިރު، ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ.

މުއިއްޒާ ވާދަކުރެއްވި އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ.