އިންތިހާބީ ނައިބް ރައީސް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެެ) ޕީޕީއެމް ދޫކުރައްވައި، ޕީއެންސީ އަށް ސޮއިކުރައްވައިފައިވާ ކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަންގަވައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހުސައިން މުހައްމަދު ލަތީފް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ޕާޓީ ބަދަލުކުރެއްވުމަށް ފަހު ކަމަށާއި އެކަން ރަސްމީކޮށް މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
އަދި ހަމައެއާއެކު އިލެކްޝަންސް ކޮމިޝަނުން ވެސް އެކަން މަޖިލިހަށް އަންގާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. "މިހާރު އިންތިހާބުވެފައިވާ ނައިބު ރައިސް ޕާޓީ ބަދަލުކުރައްވާ އެ ރިޔާސީ އިންތިހާބުގައި ބައިވެރިވެ ވަޑައިގަތީ. ބަދަލުުކުރައްވަމުން މަޖިލީހަށް އޮތީ ކަރުދާސް ޑޮކިއުމެންޓްސް ހުށަހަޅުއްވާފައި އަދި އިލެކްޝަން ކޮމިޝަނުންވެސް މަޖިލީހަށް ވަނީ ޑޮކިއުމެންޓްސް ހުށަހަޅުއްވާފައި." ނަޝީދު ވިދާޅުވިއެވެ. ހުސައިން މުހައްމަދު ލަތީފް ޕީއެންސީ އަށް ބަދަލުވެވަޑައިގަތުމުން މަޖިލީހުގެ ދަފްތަރު މިހާރު އެކުލެވިގެންވަނީ އެމްޑީޕީގެ 56 މެންބަރުންނާއި ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި ޕީޕީއެމްގެ ހަތަރު މެންބަރުންނާއި ޕީއެންސީގެ ހަތަރު މެންބަރުންނާއި އެމްއެންޕީގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖޭޕީ ދެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތިން މެންބަރުންގެ މައްޗަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.