ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނުފެންނަކަމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިއްތިފާޤުން ފާސްކޮށްފިއެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމުންގެ ވޯޓެއް ނެގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤަރާރާއި ގުޅިގެން، އެމްޑީޕީން ގޮތެއް ނިންމުމަށް ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ރޫހުވެސް ހުރީ ރިޔާސީ ނިޒާމު ދަމަހައްޓައި، ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނުމަށެވެ. ރާއްޖޭގެ ވެރިކަމުގެނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކާމިޔާބުވިޔަ ނުދެއްވުމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ ދަ ޑިމޮކްރެޓުސްއިން މަސައްކަތްކުރެއްވިކަމަށް ޤައުމީ މަޖިލީހުގެ ގިނަމެންބަރުން ތުހުމަތުކުރެއްވިއެވެ. ޑިމޮކްރެޓުން މަސައްކަތްކުރެއްވީ ރައީސް ޞާލިޙު ނޫންގޮތެއް ހޯދުމަށްކަމަށާއި، އެހެންކަމުން މިހާރު ބޭނުންވަނީ "ބަރުލަމާނީ ނޫން ގޮތެއް"ކަމަށްވެސް ޤައުމީ މަޖިލީހުގެ ގިނަ މެންބަރުން ވަރަށް ޖޯޝުގައި ވިދާޅުވަމުން ގެންދެވިއެވެ.
އެ ބޭފުޅުންވެސް ވިދާޅުވީ ރައީސް ޞާލިޙް ނޫން ގޮތެކޭ. ކޮންމެހެން މުއިއްޒު ހޮވާކަށް ނޫން ވާހަކަދެއްކީ. ރައީސް ޞާލިޙް ނޫން ގޮތެއް ޑިމޮކްރެޓްސްއިން ދެއްކީ. އަޅުގަނޑު މި ވަގުތު އެހާ ބަލާކަށް ބޭނުމެއް ނޫން ރާއްޖެއަށް ރަނގަޅީ ކޮން ނިޒާމެއްތޯއެއް. އަޅުގަނޑު ވެސް މިހާރު ބޭނުންވަނީ ބަރުލަމާނީ ނިޒާމު ނޫން ގޮތެއް" އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހީމް ވަޙީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ނިޒާމީ ވޯޓެއް ނަގަން ޑިމޮކްރެޓުސްއިން ހުށައެޅި ޤަރާރަށް އެވަގުތު ވޯޓުދިނީ އެޕާޓީގެ ތާޢީދު މުހިންމުވުމުންކަމަށެވެ. އެވަރުންވެސް އެބޭފުޅުން މަސައްކަތްކުރެއްވީ ރައީސްއާއި ދެކޮޅަށްކަމަށް އަސްލަމް ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.