ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ރައީސްއަކަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައިފިއެވެ.

މިރޭ ބޭއްވި ޕީއެންސީގެ މަޖިލީހުގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސަކަށް މުއިއްޒު ހަމަޖެއްސި އިރު، ނައިބު ރައީސަކަށް ހަމަޖައްސާފައިވަނީ އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ސެމްބެއެވެ. އަދި ޗެއާޕާސަން ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހަމަޖައްސައިފައެވެ.

ޕީއެންސީން ބުނީ އެޕާޓީގެ މަޖިލީހުގެ 50 މެމްބަރުންގެ ތެރެއިން މިރޭގެ ޖަލްސާގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން، އެ މަގާމުތަކަށް އެބޭފުޅުން އިންތިހާބުކޮށްފައިވަނީ 40 މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށްޓަކައި ޑރ. މުއިއްޒު އެޕާޓީއާ ގުޅިވަޑައިގެންނެވީ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުއެވެ. އަދި އިންތިހާބީ ނައިބު ރައީސް ސެމްބެ ޕީއެންސީއާ ގުޅިވަޑައިގަތީ އިންތިހާބުގެ ކުރިން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.