ދޯންޏެއް ބަންޑުން ޖަހާލުމުން މީހުން ސަލާމަތް ކުރަން ނުކުތް ފުލުހަކާ ސިފައިންގެ މީހެއްގެ އިތުރުން ދޯނި ކެޕްޓަން ވެސް ގެއްލިގެން ހޯދަން ފަަޑައިފިއެވެ.
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފެތުމާގުޅިގެން މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލިފައިވަނީ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު (33 އަހަރު) އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު)އެވެ. ގެއްލިގެން ހޯދަމުންދާ ތިން ވަނަ މީހަކީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.
ދޯނި އަޑިއަށް ދިޔައީ، ހިލަ އާއި ހިލަވެލި ބަރުކޮށްގެން ރިސޯޓަކަށް ދަތުރު ކުރަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އަޑިއަށް ދިޔަ "ފްރެންޑު-4" ނަމަކަށް ކިޔާ އެ ދޯނިން، އަށް މީހުން ދަތުރު ކުރިއެވެ. ކައްޕި ފިޔަވައި ދެން ތިބީ މުޅިން ވެސް ބިދޭސީންނެވެ. އެ އެންމެން ވަނީ ސަލާމަތްކޮށްފައެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށާއި އެ ތިން މީހުންވެސް އަަދި ނުފެންނަކަމަށެވެ. މީހުން ހޯދުމުގެ މަސައްކަތް ވައިގެ މަގުން ޔޫއޭވީއާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާ އިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
ފްރެންޑު-4" ދިޔަވާން ފެށީ ރޭ 9:30 ހާއިރު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ދޯނީގައި އޮތީ އެންމެ ޕަންޕެކެވެ. އެ ޕަންޕު ޖަހައިގެން ދިޔަވުން ކޮންޓްރޯލެއް ނުވި އެވެ.
ދޯނި ދިޔަވާން ފެށި ހިސާބުން ދޯނީގެ ކައްޕި ވަނީ އެކި މީސްމީހުންނަށް ގުޅައި އެހީ ހޯދަމުންނެވެ. ދޯންޏާއި މީހުން ސަލާމަތް ކުރަން ދިޔަ ޕޮލިސް އަދި އެމްއެންޑީއެފްގެ ޓީމުތަކުން ދިޔައީ ޕަންޕު ހިފައިގެންނެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދިޔައީ އެ ހިސާބުން ދަތުރު ކުރި ކޮޅުވެއްޓިއެއްގައި ދޯނި ކަފު ޖަހައިގެންނެވެ. އެކަމުގެ ތެރޭގައި ދޯނި ބަންޑުން ޖަހާލީއެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ސިފައިން އާންމު ކުރި ބަޔާނެއްގައި ބުނީ ދޯނި ސަލާމަތް ކުރެވޭ ގޮތް ނުވެ އަޑިއަށްދިޔައީ ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.