1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އާހިރަތުގެ ސަވާބާއި ބާއްޖަވެރި ދިރިއުޅުމަކަށް ނަމޫނާއަކީ ރަސޫލާ ކަމުގައި ބެލުމަށް ހުތުބާގައި ގޮވާލައިފި

shuaa
ޝަފްޢަތު ، ހުވަދޫ މީޑީއާ
462ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށާއި ބާއްޖަވެރި ދިރިއުޅުމަކަށްފަހު އާހިރަތުގެ ސަވާބު ހޯދުމަށް ހުރިހާ އަމަލުތަކެއްގައިވެސް ނަމޫނާއަކީ އެކަލޭގެފާނު ކަމުގައި ބެލުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފިއެވެ.

"ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މައްސަރު" މި މައުޟޫއުއަށް އިއްވި މިއަދުގެ ހުކުރު ހުތުބާގައިވަނީ ރަބީއުލްއައްވަލު މަހުގެ މާތްކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ. އިސްލާމީ ރިސާލަތާއެކު ދުނިޔެ ދެކެން ފެށީ މުޅިން އާ ދައުރެއް ކަމަށާއި ޖަހާލަތުގެ އަނދިރިކަން ފެތުރިފައި އޮތް ދުނިޔެ, އިލްމުގެ ނޫރުން އަލިވެ, އުޖާލާވި ކަމަށް ހުތުބާ ގައި ބުނެފައިވެއެވެ. އަނިޔާއާއި ބޭއިންސާފުގެ ބަދަލުގައި އަދުލު އިންސާފު އާންމުވެ, ދެކޮޅުވެރިކަމާއި ނޭއްގާނީކަމުގެ ބަދަލުގައި އެކުވެރިކަމާއި ސުލްހަ މަސަލަސްކަން ގާއިމުވެގެން ދިޔަކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ތައުހީދުގެ ބިންގަލުގެ މަތީގައި އީމާންކަމުގެ އިމާރާތްތައް އާރާސްތުވި ކަމަށާއި، މި މައްސަރަކީ އާލަމްތަކަށް ރަހުމަތެއްކަމުގައި ކީރިތި الله ފޮނުއްވި މާތް ސާހިބާ ދުނިޔެއަށް ވަޑައިގެން މައްސަރުކަން ވެސް ފާހަގަކޮށްފައިވެއެވެ. ހުތުބާގައި ބުނީ މިއީ ނަބީކަމާއި ރަސޫލުކަން ހަތިމް ކުރެއްވުމަށް ފޮނުއްވުނު މާތް ސާހިބާ ދުނިޔެއަށް ވަޑައިގަތުމުގެ ޝަރަފު މި ދުނިޔެއަށް ލިބުނު މައްސަރު ކަމަށް ބުނެފައެވެ.

300 × 250

ޚުޠުބާގައި ބުނީ, ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތުމުގެ ފަހުރާއި ޝަރަފު ދުނިޔެއަށް ލިބުނުއިރު ދުނިޔޭގެ ހާލަތު, ތާރީހުގައި އެހައި ދަށު ދަރަޖައަކަށް ގޮސްފައިވާ ދުވަސްވަރެއް ނާންނަ ކަމަށެވެ.

އިސްލާމީ ރިސާލަތާއެކު ދުނިޔެ ދެކެން ފެށީ މުޅިން އާ ދައުރެއް ކަމަށާއި ޖަހާލަތުގެ އަނދިރިކަން ފެތުރިފައި އޮތް ދުނިޔެ, އިލްމުގެ ނޫރުން އަލިވެ, އުޖާލާވި ކަމަށް ހުތުބާގައި ވަނީ ހާމަކޮށްފައެވެ. އަނިޔާއާއި ބޭއިންސާފުގެ ބަދަލުގައި އަދުލު އިންސާފު އާންމުވެ, ދެކޮޅުވެރިކަމާއި ނޭއްގާނީކަމުގެ ބަދަލުގައި އެކުވެރިކަމާއި ސުލްހަ މަސަލަސްކަން ގާއިމުވެ, ތައުހީދުގެ ބިންގަލުގެ މަތީގައި އީމާންކަމުގެ އިމާރާތްތައް އާރާސްތުވި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުންޏެވެ.

އެ ދުވަސްވަރު މީސްތަކުން ތިބީ ޖަހާލަތާއި ޝިރުކުގެ ކަނު އަނދިރީގެ ތެރެއަށް ގެއްލި, ނޭނގުމުގެ އަނދިރިކަމުގެ ތެރެއަށް ވަދެ މަގު އޮޅި, ވާވަދެފައި ކަމަށާއި އަނިޔާވެރިކަމާއި ތަޅާފޮޅުމާއި އަރާރުންވުމާއި ފިތުނަ ފަސާދަ އާންމު ވެފައިވަނީ ހައިރާންވުން އެކަށީގެންވާ ދަރަޖަކަށް ކަމަށް ބުންޏެވެ.

އަދި ކުރީގެ ރަސޫލުންނާއި ނަބިއްޔުންނާއި މުސްލިހުން ދެއްވި ތައުލީމާއި އިރުޝާދު, ދެއްކެވި ތެދު މަގާއި ހިދާޔަތުގެ އަސަރުވެސް ފެންނާކަށް ނެތް ކަމަށާއި ތައުހީދުގެ ސާފު ސީދާ އަގީދާއަކީ ކޮން އެއްޗެއްކަން ދަންނަ މީހަކުވެސް ނެތް ކަމަށް ބުންޏެވެ.

ކީރިތި ރަސޫލާގެ ޙަޔާތްޕުޅު އުސްއަލިތައް ފާހަގަކޮށް ޚުޠުބާގައި ބުނީ, އިސްލާމް ދީނަށް ގޮވައިލެއްވުމުގައި ތޭވީސް އަހަރު ކެނޑިނޭޅި ކުރެއްވި މަސައްކަތްޕުޅަށް ފަހު ސުވަރުގެ ވަޑައިގަތީ މާތް ރަސޫލާގެ ކޮނޑުފުޅުގައި އެޅުއްވުނު ވަރުގަދަ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އުފުއްލަވާފައި ކަމަށާއި އެކަލޭގެފާނުގެ ރިސާލަތު ފުރިހަމައަށް އަދާކުރައްވައި, ދުނިޔެ, އެހެން ދުނިޔެއަކަށް ބަދަލު ކުރައްވާފައި ކަމަށެވެ.

އުއްމަތުގެ ބާއްޖަވެރިކަމާއި ހެވާއި ލާބައަށްޓަކައި އެކަމަށް އެ މާތް ނަބިއްޔާއަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރަންވީކަމަކީ އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތާއި ޝަރީއަތުގައި ހިފައި އެއަށް ޢަމަލުކުރުން ކަން ބުނެދީފައިވެއެވެ.

300 × 250

"އަދި ރަސޫލާ ތިޔަބައިމީހުންނަސް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ތިޔަބައިމީހުން ހިފާށެވެ. އަދި ތިޔަބައި މީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ދުރުވެގަންނާށެވެ."

އެއީ ކީރިތި ޤުރުއާނާއި އިތުރު އެކަލޭގެފާނުގެ މާތްވެގެންވާ ސުންނަތް ކަމަށް ބުންޏެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންގެ ތެރެއަށް ދޫކުރައްވާފައި ވަޑައިގެންނެވި ޤުރުއާނާއި އިތުރު އެކަލޭގެފާނުގެ މާތްވެގެންވާ ސުންނަތަކީ އޭގައި ހިފަހައްޓައި ނަމަ އަހަރެމެންނަށް ދުވަހަކުވެސް މަގުނޯޅޭނެ ދެ އެއްޗެއްކަމަށް ހުތުބާގައި ބުންޏެވެ. އަދި އެކަލޭގެފާނުގެ ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށާއި ބާއްޖަވެރި ދިރިއުޅުމަކަށްފަހު އާހިރަތުގެ ސަވާބު ހޯދުމަށް ހުރިހާ އަމަލުތަކެއްގައިވެސް ނަމޫނާއަކީ އެކަލޭގެފާނު ކަމުގައި ބެލުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ..

މާތް ނަބިއްޔާއަކީ އުއްމަތަށް ދެއްވި ނިއުމަތެއްކަމަށާއި އެއީ ރަޙްމަތުގެ ނަބިއްޔާކަމަށްވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

"ހަމަ ތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެކަމެއް އެކަލޭގެފާނަށް ބޮޑުކަމަކަށްވެއެވެ. އެކަލޭގެފާނަކީ ތިޔަބައިމީހުންނަސް ތެދުމަގު ލިބުމުގެ މައްޗަށް ދަހިވެތިވެވަޑައިގަންނަވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި ރަހުމް ހުރި ބޭކަލެކެވެ."

އުއްމަތުގެ ބާއްޖަވެރިކަމަށްޓަކައި އުއްމަތުގެ ހެވާއި ލާބައަށްޓަކައި ކީރިތި ރަސޫލާ ކުރެއްވި މިންނެތް މަސައްކަތްޕުޅަކީ ދުލަކުން ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ ގިނަގުނަ ކަންތައްތަކެއް ކަމަށާއި އަދާކުރަންޖެހޭ ޝުކުރަކީ އެހާ މަތިވެރި ޝުކުރެއް ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. އަދި އެ ޝުކުރު އަދާކުރުމުގެ ގޮތުން ކުރަންވީ ކަމަކީ އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތާއި ޝަރީއަތަށް ފުރިހަމަ ގޮތުގައި ބޯލަނބައި އެކަލޭގެފާނަށް ތަބައަވުން ކަމަށް ޚުޠުބާގައި ބުންޏެވެ.

މިކަންކަން ފާހަގަކޮށް ޚުޠުބާގައި ވަނީ އިތުރު އެކަލޭގެފާނަށް ލޮބުވަތައި, އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ގިނަގިނައިން ދުއާ ކުރުމަށާއި އެކަލޭގެފާނު ގެނެސްދެއްވި ފޮތާއި ގޮތުގައި ވަރުގަދައަށް ހިފެހެއްޓުމަށް ގޮވާލައިފައެވެ.

ޚުޠުބާ ނިންމާލާފައިވަނީ މުސްލިމުންގެ ހިތްތައް ދިރިގެންވަނީ އެކަލޭގެފާނުދެކެ ލޯބިވުމާއި އެކަލޭގެފާނަށް އިޙްތިރާމްކުރުމުގެ ސަބަބުންކަމަށް ބުނެދީ އެކަލޭގެފާނުދެކެ ލޯބިވުމަކީ ތިމާ އީމާންވާކަމުގެ ސަބަބެއްކަމަށް ބުނެ އެކަލޭގެފާނުގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔުމަށް ނަސޭހަތްތެރިވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި