ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު، އެމަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް(ޕީޖީ)އިން އަނެއްކާ ވެސް ފެށުމާ އެކު، އެ މަނިކުފާނުގެ ނިސްބަތްވެވަޑައިގެންނަވާ ޑިމޮކްރެޓްސްއިން މި ސަރުކާރަށް ވައްކަމުގެ ތުހުމަތުކޮށް އެ މައްސަލަތައް ބެލުމަށް ގޮވާލައިފ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ.

އެކަމާ ގުޅުވައި، ޕީޖީ ގުރޫޕުގެ މެމްބަރަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ މަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ އަލުން ހުށަހެޅުމަކުން މައްސަލައެއް ނެތް ކަމަށެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހިޔާނާތުގެ ހުރިހާ ތުހުމަތެއް ބަލަން ޖެހޭނެ ކަމަށާއި ހައްގު އަދަބު ލިބެންޖެހޭނެ ކަމަށް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެެއެވެ.

ނަޝީދާއި ޑިމޮކްރެޓްސް އިން ވެސް ތުހުމަތުކުރާ ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އެމްޑީޕީން އުޅެނީ މި ސަރުކާރުގެ ހިޔާނާތްތައް ބެލިޔަ ނުދޭށެވެ.

"ބަލިވީމަ ބަލި ގަބޫލުނުކުރެވިގެން ތެޅިގަތުން އެހާ ބުއްދިވެރިއެއްނުވާނެ. އަޅުގަނޑުމެން ޑިމޮކްރެޓްސްއިން އަވަސްވެ މިގަންނަނީ ނިމި މިދާ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކަމާގުޅޭ އިދާރާތަކުގައި އެދެން،" ޑިމޮކްރެޓްސްގެ އިންތިގާލީ ކައުންސިލްގައި އިންނަވާ، މެދު ހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު އަލީ އާޒިމް ވިދާޅުވި އެވެ.