ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން ކުރިއަށްދާއިރު ވ އަތޮޅު ރަކީދޫ ސްކޫލުގައި ކިޔަވަންޖެހޭ ހަތަރު ކުއްޖަކު ކިޔެވުމުން މަހުރޫމުވެފައިވާ މައްސަލަ އެ ރަށު ކައުންސިލުން އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އާއި ގުޅިގެން ވ އަތޮޅު ރައީސް ޝުޖާއު އަލީ ވިދާޅުވެފައި ވަނީ ތައުލީމު ފޯރުކޮށްދޭންޖެހޭ، ސްކޫލަށް ވަނުމަށް އުމުރު ހަމަވެފައިވާ ހަތަރު ކުއްޖަކު ތައުލީމު ހޯދުމުގެ އެއްވެސް ފުރުސަތެއްނެތި ރަކީދޫގައި ދިރިއުޅެމުންދާ ކަމަށާއިއެއީ އުމުރުން ހަ އަހަރުގެ ކުއްޖަކާއި، 7 އަހަރުގެ ކުއްޖަކާއި، 11 އަހަރުގެ ކުއްޖެއްގެ އިތުރުން 15 އަހަރުގެ ކުއްޖެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރައީސް ޝުޖާއު ވިދާޅުވެފައި ވަނީ އެ ކުދިންނަކީ އެ ރަށުގެ ސްކޫލު ހުޅުވިފައި ނެތުމުގެ ސަބަބުންނާއި، އާއިލާގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އެހެން ރަށަކަށް ކުދިންނަށް ކިޔަވައިދިނުމަށް ދިރިއުޅުން ބަދަލު ކުރުމަށް ދަތިވުމުގެ ސަބަބުން ސްކޫލުގައި ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކުދިން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާތަނަށް ރަކީދޫ ސްކޫލަށް ވަނުމަށް ހުށަހަޅާފައި ވަނީ ހަތަރު އަހަރު ނުފެރޭ ތިން ކުދިން ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ލާޒިމް ކުރަނީ ހަތަރު އަހަރުން މަތީގެ ކުދިންނަށް ތައުލީމު ދިނުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން ހަތަރު އަހަރުން މަތީގެ ކުދިން ތިބި ނަމަ އަވަހަށް ފޯމު ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ސްކޫލުގައި ކިޔެވުން ފެއްޓުމަށް ތައްޔާރަށް ތިއްބެވި ކަމަށް ވެސް ވިދާޅުވި އެވެ.