އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ސެމްބެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު، 17 ނޮވެމްބަރު ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވަން މަޝްވަރާކޮށްފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވީ ކޮންމެ ދުވަހަކު އިންތިހާބީ ރައީސްގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ބައްދަކުވުމުގައެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، އިންތިހާބީ ރައީސްގެ ފަރާތުން އެދިވަޑައިގަންނަވާ ގޮތަށް ހުވާ ކުރުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބޭ ކަމަށެވެ.
ނޮވެމްބަރު މަހުގެ 17 ވަނީ ހުކުރު ދުވަހަކާ ކަމަށާއި އިންތިހާބީ ރައީސް މުއިއްޒު ބޭނުންވެވަޑައިގަންނަވަނީ އެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
"މިހާތަނަށް މަޝްވަރާ ކުރެވިފައިވަނީ ކުރިން އިންތިހާބީ ރައީސް ވެސް އިޝާރާތް ކުރައްވާފައިވާ ފަދައިން ޖުމްހޫރީ މައިދާނުގައި މި ދަރުބާރު ބޭއްވުމަށް. މިހާރު މަޝްވަރާ ކުރެވިފައިވާ ގަޑިއަކީ 17 ނިވެމްބަރު ވާ ހުކުރު ދުވަހުގެ ހަވީރު ގެ ވަގުތެއްގައި މި ދަރުބާރު ކުރިއަށް ގެންދަން،" ފިރުޒުލް ވިދާޅުވިއެވެ.
މޫސުމަށް ބަލައި ފަހަރުގައި ބައެއް ބަދަލުތައް އައުން އެކަށީގެންވާކަމަށްވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
އިންތިހާބީ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.