ވަރިވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތަކެއް ކުރި ކަމަށް ތުހުމަތުވާ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.

އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީ އިން ނިންމީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވާތީއެވެ. އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީ އިން ނިންމީ މިދިޔަ ޖުލައި 23 ވަނަ ދުވަހުއެވެ.

އެމައްސަލައާ ގުޅިގެން މިއަހަރުގެ މެއި 25 ދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ވެސް އަލީ އާދަމަށް އަންގައި ސަސްޕެންޑު ކުރިއެވެ. އޭނާ މިހާރުވެސް ހުރީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކޮށްފައެވެ.

އޭނާ މަގާމުން ވަކި ކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު، އޭނާ ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމައި، މަޖިލިސް ތަޅުމަށް ރިޕޯޓު ހުށަހެޅުމުން މަޖިލިސް ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.