މިދިޔަ ފަސްއަހަރު ތެރޭ ފެނަކަ ބަނގުރޫޓު ކޮއްލި މައްސަލަ ބަލަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ އެކްސް.ކޮމްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރި މައުލޫމާތު ތަކުން ފެނަކައިގެ ދަރަނި ފިލުވަން އެ ކުންފުނިން އެމްއައިބީއިން ހަތަރުސަތޭކަ މިލިއަން ރުފިޔާގެ ލޯނެއް ނެގިކަން ހާމަވެފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި އަމްރު އެކްސްޕޯސްޓުގައި ވިދާޅުވީ ފެނަކައިގެ ދަރަނި މިހާރު 3.5 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ.
އަދި ފެނަކައިގެ ދަރަނީގެ މައްސަލަ އަކީ އައު ސަރުކާރުން ހައްލުކުރަން އޮތް ބޮޑު މައްސަލައެއް ކަން އަމްރު ވަނީ ފާހަގަކުރައްވާފައެވެ.
"ފަސް އަހަރު ތެރޭ ކުންފުނި ބަނގުރޫޓު ކޮށްލި މައްސަލަ ބެލަންޖެހޭ. ކުންފުނީގެ މައި ހިއްސާދާރާ ހިންގަން ތިބި މީހުން ޒިންމާ ވާންޖެހޭ. ހައްގު އަދަބު ދޭންޖެހޭ." އެކްސް ޕޯސްޓުގައި އަމްރު ވިދާޅުވިއެވެ.
ފެނަކައަށް ބޭނުންވާ ވޯކިން ކެޕިޓަލް ހަމަޖެއްސުމަށް އެމްއައިބީއިން ނަގާ ދެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފައިވާކަން ފިނޭންސް މިނިސްޓްރީން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާ ހިއްސާކުރި މައުލޫމާތުތަކުން ހާމަވެއެވެ. އެއީ 200 މިލިއަން ރުފިޔާގެ ދެ ލޯނެއްކަމަށާއި ގެރެންޓީ ދިނީ 22 ޖޫން އާއި 27 އޮގަސްޓްގައި ކަމަށްވެސް ފިނޭންސުން ވަނީ ބުނެފައެވެ.
ފިނޭންސްމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެ ލޯނުތަކުގައި ސޮއިކޮށްފައިވަނީ 20 ޖޫން އަދި 20 އޮގަސްޓުގައެވެ. އަދި ލޯނުތައް އަނބުރާ ދައްކަން ދީފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތެއްކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.
2022ވަނަ އަހަރު ނިމުނުއިރު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކޮށްފައިވާ ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި، ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރައި ކުންފުނި އޮތީ މާލީ ގޮތުން ނާޒުކު ހާލަތެއްގައެވެ.
ޚިޔާލު (1)
ޔާމީނު ނުހައްގުން ދައުރުނިމެއްދެން ޖަލުގަގެންގުޅުނަސް މިވެރިކަމުގެއެއްވެސް މައްސަލައެއްހިޔެއްނުވެ ފެށޭސަކާރުންބަލާނެހެނެއް ކިތައްމެގައްދާވެފާވީނަމަވެސް.އަމަލާވާހަކައިން ހީވަނީ އެއްވެސްކަމެއްނުބަލާނެހެން އެހެންވެއްޖެއްޔާ ހަމަޖެހުމެން ނޯނާނެ ޔާމީނަށްކުރިވަރުނިކަންދެކިބަލަ އެކަމަށް ވަރަށް ނަފުރަތުކުރަން ފެށޭސަރުކާރުން ގޮތެއްނުވިޔަސް. ﷲ ގެހެޔޮރަހުމަތްފުޅުން އޭގެ އުގޫބާތް ދައްކަވާށި