އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން އަންގަވާފައި ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުއިއްޒު މިހެން ވިދާޅުވީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެޕޯސްޓުގައި އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން އެމަނިކުފާނު ދަންނަވާފައި ނުވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އެއްވެސް ބޭފުޅަކު އެކަހަލަ އެންގުމެއް އެމަނިކުފާނުގެ ފަރާތުން ނާންގާނެ ކަމަށްވެސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން އަޅުގަނޑު ނުދަންނަވަން، އަދި އަޅުގަނޑުގެ ފަރާތުން އެއްވެސް ބޭފުޅަކުވެސް އެކަހަލަ އެންގުމެއް ނާންގާނެ. ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީ ތައް ބާލަމުން ދާކަމާއި، އެކަން ކުރަނީ އަޅުގަނޑު އަންގައިގެންކަމަށް ދައްކާ ހަގީގަތެއް ނެތް ވާހަކަތަކާ ގުޅިގެން، ރައްޔިތުންނަށް ޔަގީންކަން ދިނުމުގެ ގޮތުން ދަންނަވާލަން، ޝުކުރިއްޔާ," އެކްސް ޕޯސްޓުގައި މުއިއްޒު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ އާ މަޝްރޫއުތައް ނުފެށުމަށާއި ވަޒީފާގެ ކުރިއެރުން ނުދިނުމަށާއި ލޯންތައް ނުނެގުމަށާއި އާ އިންވެސްޓްމަންޓްތައް ނުފެށުން ފަދަ ހަތް ކަމެއް ނުކުރަން މި ސަރުކާރަށް އަންގަވައިފައެވެ. ނަމަވެސް އިންތިގާލީ މަރުހަލާ ނަމަވެސް، މި ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގެ މަސައްކަތާއި މިހާރު ފެށުމުގެ މަރުހަލާގައި ހުރި ކަންކަން ނުކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެދިވަޑައިގެންނެވިދާނެކަމަށް ގަބޫލުނުކުރައްވާކަމަށް ސަރުކާރުެގ އިސް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.