ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ބަލައިގަނެ، މެމްބަރުންނަށް އެކަމުގެ ނޯޓިސް ފޮނުވައިފިއެވެ. މަޖިލީހުގެ އިދާރާ އިން ބުނީ އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ވައްދާފައިވާ ގަރާރުގެ ނޯޓިސް، މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް މިއަދު ހެނދުނު ނަޝީދަށާއި މެމްބަރުންނަށް ފޮނުވާފައިވާ ކަމަށެވެ. މި ނޯޓިސް ފޮނުވާފައި މިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މިދައުރުގެ ތެރޭގައި ކުރިއަށް ގެންދެވިދާނެ ކަމާމެދު ސުވާލު އުފައްދާފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުން އެއް ދައުރެއްގެ ތެރޭގައި އެއް ގަރާރެއް ދެފަހަރު ހުށަހެޅިދާނެ ކަމާއިމެދު ސުވާލު އުފެދެ އެވެ. މީގެ ކުރިންވެސް އެމްޑީޕީން ރައީސް ނަޝީދު މަގާމުން ދުރުކުރަން މައްސަލައެއް ހުށަހެޅި އެވެ. އެހެންނަމަވެސް ފަހުން އެ މައްސަލަ އަނބުރާ ގެންދިޔައީ އެވެ. އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލްތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ނިންމުމަށް ތަރުތީބު ކޮށްފައި ވަނިކޮށް، ނަޝީދު މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތު އިސް ކުރައްވައި ވަކި ފަރާތަކަށް ބުރަވެ ހުރެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. ރިޔާސަތުގައި އިންނަވައިގެން ނަޝީދު ތަކުރާރުކޮށް މަޖިލީހުގެ ގަވައިދާ ހިލާފަށް ޖަލްސާތައް ކުރިޔަށް ގެންދަވާތީ އާއި މުޅި މަޖިލީހުގެ ނިޒާމު ހިފެހެއްޓެވުމުގެ ބަދަލުގައި ނިޒާމު ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް އެ މަނިކުފާނު ވާގިވެރިވާ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި، އެ މައްސަލަ މަޖިލީހުގެ އަމީން އާއްމު، މަޖިލީހުގެ ރައީސާއި މެމްބަރުންނަށް ފޮނުވަން ޖެހެއެވެ. މަޖިލިސް ގަވާއިދުގައިވާ ގޮތުގައި ނޯޓިސްގެ މުއްދަތު، 14 ދުވަސް ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަންޖެހެއެވެ. އެއީ މި މަހުގެ 29 ވަނަ ދުވަހުއެވެ.
އޭގެ ކުރިން، މަޖިލީހުގެ އާންމު ކޮމިޓީން އެ ގަރާރުގެ ބަހުސްގެ ވަގުތާއި ނަޝީދަށް ވާހަކަ ދެއްކެވުމުގެ ވަގުތު ކަނޑައަޅަން ޖެހޭނެއެވެ. މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރެވޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީ ޕީޖީ ގްރޫޕުގެ 49 މެމްބަރުންގެ ސޮޔާއެކުއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.