ޕާސްޕޯޓު ގެއްލުމުން އަލުން ޕާސްޕޯޓު ހައްދައިދޭން ނަގާ ޖޫރިމަނާ 2،000ރ.އަށް ލިމިޓުކޮށް، އިހުމާލުން ނޫން ނަމަ ޖޫރިމަނާއަކާ ނުލައި ޕާސްޕޯޓް އާކުރެވޭނެހެން ޕާސްޕޯޓާ ބެހޭ ގަވައިދަށް އިއްޔެ އިސްލާހުތަކެއް ގެނެސްފި އެވެ.
އިމިގްރޭޝަނުން އިއްޔެ އިސްލާހު ގެނެސް ގެޒެޓުކޮށްފައިވާ ގަވައިދުގައި ބުނާ ގޮތުން، ޕާސްޕޯޓު ގެއްލިގެން ކުރިން 20،000ރ.އާ ހަމައަށް ޖޫރިމަނާ ކުރެވުނު ނަމަވެސް، އެ އަދަދު ވަނީ 2،000ރ.އަށް ވުރެ ބޮޑު ނުވާ ގޮތަށް ލިމިޓު ކޮށްފަ އެވެ.
ގަވައިދަށް އިއްޔެ ގެނައި އިސްލާހާ އެކު، ޕާސްޕޯޓު ގެއްލިގެން އަލުން ޕާސްޕޯޓު ހައްދައިދޭނީ ޕާސްޕޯޓު ގެއްލެން މެދުވެރިވި ހާލަތަށް ބަލައި އިހުމާލު އޮތްކަން ނުވަތަ ނެތްކަން އަންގައިދޭ ޕޮލިސް ރިޕޯޓެއް ހުށަހެޅުމުންނެވެ.
ޕާސްޕޯޓު ގެއްލުނީ އިހުމާލުން ނަމަ، އަލުން ޕާސްޕޯޓު ހެއްދުމަށް 2،000ރ.އަށް ވުރެ ބޮޑު ނޫން އަދަދެއްގެ ޖޫރިމަނާއެއް ނަގާނެއެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ، ޖޫރިމަނާއެއް ނުނަގާނެއެވެ.
ޕާސްޕޯޓު ގެއްލިގެން ޖޫރިމަނާ ކުރާ ފަރާތްތަކަށް ޖޫރިމަނާ ފައިސާ ނުދެއްކޭ ހާލަތެއްގައި މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައި ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް ދޫކުރުމުގެ އިހުތިޔާރު އިމިގްރޭޝަން ކޮންޓްރޯލަރަށް ލިބިގެންވެއެވެ.
ޕާސްޕޯޓު ހަލާކުވެގެން ނަގާ ޖޫރިމަނާ ވެސް ވަނީ އާ ގަވައިދުގެ ދަށުން 2،000ރ.އަށް ވުރެ ބޮޑުނުވާނެހެން ލިމިޓުކޮށްފައެވެ.
ގަވައިދަށް ގެނައި އިސްލާހުގައި ޕާސްޕޯޓުގައި ހިމަނާ ފޮޓޯ ހުންނަން ޖެހޭނެ ގޮތް ވެސް ހިމަނާފައިވެ އެވެ. ފޮޓޯގެ މިންގަނޑަކީ އައިކާއޯގެ ގަވާއިދުތަކާ އެއްގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެ ކުރިން ގަވައިދު އޮންނަ ގޮތުން، ޕާސްޕޯޓު ގެއްލިގެން އަލުން ޕާސްޕޯޓު ހައްދައިދެނީ ޕާސްޕޯޓު ގެއްލެން މެދުވެރިވި ހާލަތަށް ރިއާޔަތްކޮށް، ޕާސްޕޯޓުގެ ވެރިމީހާގެ އިހުމާލަކުން ނޫންކަން އަންގައިދޭ ޕޮލިސް ރިޕޯޓު ހުށަހެޅުމުންނެވެ.
އެ ނޫން ހާލަތްތަކުގައި މީގެ ކުރިން ޕާސްޕޯޓު ހައްދައިދިނީ 5،000ރ. އާއި 20،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ފަހުގައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.