މިމަހުގެ 10 ވަނަ ދުވަހު މެލޭޝިއާގެ އިމާރާތަކުން ވެއްޓި ނިޔާވި ދިވެހި ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.

ނިޔާވި ޒުވާނާގެ ހަށިގަނޑު މިއަދު ހެނދުނު 10 ޖެހިއިރު ރާއްޖެ ގެނެސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފައި ވަނީ އޭނާގެ އާއިލާގެ އެދުމުގެ މަތިން ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މިމަހުގެ ދިހަ ވަނަ ދުވަހުގެ، މެލޭޝިޔާގެ ގަޑިން ރޭގަނޑު ހަތެއް، ރާއްޖޭގެ ގަޑިން ހަވީރު 4:00 ހާއިރު މެލޭޝިޔާގެ އިމާރާތަކުން ވެއްޓި ނިޔާވި، އައްޑޫ ސިޓީ ހިތަދޫ/ ގަހާތަރީގެ 22 އަހަރުގެ އުމަރު އަހުމަދު ނައީމަކީ މެލޭޝިއާގެ އިންފްރާސްޓްރަކްޗާ ޔުނިވާސިޓީ ކުއަލަ ލަމްޕޫރު (އައިޔޫކޭއެލް)ގައި އާކިޓެކްޗާ ކިޔަވަމުން ދިޔަ ދަރިވަރެކެވެ. މިއީ އެ ދަރިވަރުގެ ކޯހުގެ އެންމެ ފަހު އަހަރެވެ.

މެލޭޝިޔާގެ ހައިކޮމިޝަނުން ވަނީ މިމައްސަލަ ބެލުމަށްފަހު އާއިލާގެ އެދުމުގެ މަތިން ޒުވާނާގެ ހަށިގަނޑު ރާއްޖެއަށް ފޮނުވާފައެވެ.