ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ސަމާ ޝަރީފްގެ ލައިވްގައި މިފަހަރު ފަލަސްތީނުގެ ނަމުގައި އެހީ ލައިވެއް ކުރިއަށް ގެންގޮސް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިދީފިއެވެ.
ސަމާއަކީ ފަހަކަށް އައިސް އެކިކަހަލަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އޭނާގެ ޓިކްޓޮކް ލައިވް މެދުވެރިކޮށް ފައިސާ ހޯދައިދެމުން އަންނަ ފަރާތެކެވެ.
ސަމާއަކީ ރާއްޖޭގައި ޓިކްޓޮކް ފަންނާނުންގެ ތެރެއިން، މިގޮތަށް އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ހޯދަން ފުރަތަމަ ލައިވް ފެށްޓި ފަންނާނެވެ. ސަމާގެ ލައިވްތަކަކަށް ފަހު މިހާރު ޓިކްޓޮކްގައި "ލީލާފް ޒައި" ކިޔާ ފަރާތަކުންވެސް ދަނީމިގޮތަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލައިވް މެދުވެރިކޮށް އެހީ ހޯދައިދެމުންނެވެ. މިގޮތުން ރޭ ސަމާ ކުރިއަށްގެންދިޔަ ލައިވްއެއްގައި އޭނާ ވަނީ ފަލަސްތީންގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް 51،225ރ ހޯދައި، އެ ފައިސާއަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ)ގެ އެކައުންޓަށް ފޮނުވާފައެވެ. އަދި އޭނާ އޭނާ ވަނީ އެ ފައިސާ ފޮނުވުމަށް ފަހު ސްލިޕް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައިވެސް ހިއްސާ ކޮށްފައެވެ. އެ ޕޯސްޓްގައި އޭނާ އައިއޭސީ މޯލްޑިވްސް ޓެގްކޮށްފައިވާއިރު، ރީމާކްސްގައި ވަނީ "ދިވެހި ޓިކްޓޮކް ފަންނާނުން ތިބީ ފަލަސްތީނާއި އެކު" މިހެން ލިޔެފައެވެ. ސަމާ ވަނީ އެ ލައިވް މެދުވެރިކޮށް ލިބުނު 550 ޑޮލަރުވެސް އައިއޭސީގެ އެކައުންޓަށް ޖަމާ ކޮށްފައެވެ.
ސަމާގެ މި މަސައްކަތާ ގުޅިގެން ގިނަ ބައެއްގެ ތައުރީފް އޭނާ އަށް ދަނީ ލިބެމުންނެވެ. ސަމާ ލައިވްގައި ބުނާގޮތުގައި، މިއީ އޭނާ ވަރަށް ހިތްހަމަޖެހިގެން ކުރާ މަސައްކަތެކެވެ. އަދި އޭނާ ވަނީ ދިވެހި ޓިކްޓޮކް ކޮމިއުނިޓީގައިވެސް އޭނާ ކަހަލަ މިފަދަ ގޮތަކަށް މީހުންނަށް އެހީވާ ގިނަބަޔަކު އުޅޭކަން ފާހަގަކޮށްފައެވެ. ސަމާގެ ޓިކްޓޮކްގައި 38،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. ސަމާއަކީ ރާއްޖޭގައި ޓިކްޓޮކް ޕްލެޓްފޯމްގައި ލައިވްތަކާއި މިފަދަ އެހެނިހެން ހަރަކާތްތައް ތައާރަފް ކުރަމުންދާ ފަރާތެއްކަން ހާއްސަކޮށް ފާހަގަކޮށްލެވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.