މިސަރުކާރުން މާލެއަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމަށް ހުރަސްއެޅިނަމަވެސް މާލޭ ރައްޔިތުން ބޭނުންވާ ކަންކަން ހަގީގަތަކަށް ހައްދައިދެއްވާނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރުކަމުގެ ހައިސިއްޔަތުން ކައުންސިލްގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ވަދާއީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން 2021 ވަނަ އަހަރުގެ މެއި 17ގައި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރު ފަށްޓަވައިގެން މިހާތަނަށް އާއިރު ކުރެއްވި ކޮންމެ ކަމެއް ހަގީގަތަކަށް ވެގެންދިޔައީ މާލެ ސިޓީ ކައުންސިލްގެ ބުރަ މަސައްކަތުންކަން ޑރ. މުހައްމަދު މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ އަދި ދެވަނަ ބުރުގައިވެސް މާލޭގެ ރައްޔިތުން އެމަނިކުފާނަށް ވޯޓޫ ދެއްވި މައިގަނޑު ސަބަބަކީވެސް، މާލޭގެ ކަންކަން ފުރިހަމައަށް ކުރެއްވުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރެއްވި މިންނެތް މަސައްކަތްކަމަށްވެސް ޑރ މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
މުއިއްޒު ވިދާޅުވީ ދެ އަހަރާ މަސްތަކެއް ވަންދެން މާލޭގެ ކަންކަން ރަނގަޅަށް ގެންދިއުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށާއި ގިނަ ގޮންޖެހުންތައް ކުރިމަތިވެގެން ދިޔަކަމަށެވެ. އަދި އެގޮންޖެހުންތައް އެގޮތަށް ނައިނަމަ މާލޭގެ ކަންތައްތައް ހުންނާނީ މާ ފުރިހަމައަށް ވެފައި ކަންވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.
" ޔަގީނުން ވެސް މަގުތައް ހުންނާނީ ހެދިފައި. ޔަގީނުން ވެސް ޕާކިން މަލްޓި ސްޓޯރީ އެތައް ބިލްޑިންގެއް އެޅި، ޕާކިންގެ މައްސަލައަށް ބޮޑު ހައްލެއް އޮންނާނީ ގެނެވިފައި،" އިންތިހާބީ ރައީސް ވިދާޅުވިއެވެ.
މާލެއަށް ގިނަގުނަ ކަންކަން ކުރައްވަން ބޭނުންފުޅުވިކަމަށާއި، ނަމަވެސް މާލޭގެ ކަންކަން ކުރުމުގައި އެނެމެ ފަހު ހުއްދަ ދޭންޖެހޭ ބޭފުޅުން އެ ހުއްދަތައް ނުދެއްވުމުގެ ސަބަބުން، ކައުންސިލަށް ވީވަރުން ކަންކަން ކުރެއްވީކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރުން މާލެއަށް ކަންކަން ކުރުމަށް ކައުންސިލަށް އެއްބާރުލުން ނުދިންނަމަވެސް، އެމަނިކުފާނުގެ ސަރުކާރުގައި މާލޭ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ޑރ މުއިއްޒު ވަނީ ދެއްވާފައެވެ.
ޚިޔާލު (2)
ތީ އަހަރެން ބުނާވާހަކައަކީ އަނބިމީހާ ހުރިގޮތް ނުބަލާ 10 ދަރިން ހޯދާނަމޭ ނުބުނާށޭ. މާދަމާ ބުނާނެ މަޖިލިސް ނުލިބުނީމަ އެއްކަމެއްވެސް ވާގޮތެއް ނުވީއޭ. ވައުދުވާއިރު އެކެއްޗެކޭވެސް ހިތަކަށްނާރާ. މިވެސްވާނީ ދޮގަށޭ. ހުތުބާގަ ނުބުނަންޏާ ނޭނގެނީތަ.
ކުރީގެ ކައުންސިލުންވެސް ބުނީ ތިވާހަކަ. އޭރު ހުރިހާ އެއްޗެއް އޮތީ މުއިއްޒު އަތުގައޭ އެމީހުން ގޮވީ. އަދިވެސް ތިކަމެއް ނުވާނެ. ދިވެހިން އެކަތިގަނޑަކަށްނުވެ ތަރައްގީއެއްނުވާނެ. މާލެއަކަށް ކައުންސިލެއް ބޭނުމެއްނުވޭ. މާލެއަކީ ދިވެހިރާއްޖެ. ކައުންސިލް ސިސްޓަމް އުވާލަންވީ. އެންމެން މާލެއަށް ބަދަލުވާންވީ.