ކުރިއަށް މި އޮތް އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ވިސްނަވާ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަދި ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުއިއްޒު މިހެން ވިދާޅުވީ މިއަދު އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި މުއިއްޒު ވިދާޅުވީ މާލޭގެ ދާއިރާއެއްގެ މެންބަރު ކަމަށް ކުރިމަތިލެއްވުމުގެ ހިޔާލެއް އެބަގެންގުޅުއްވާ ކަމަށެެވެ. އެހެންނަމަވެސް ކުރިމަތިލައްވަނީ ކޮން ދާއިރާއަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ހއ. އަތޮޅުގެ މެންބަރުކަން ކުރެއްވި މުއިއްޒަކީ ބާ ކައުންސިލްގެ މެންބަރު ކަމާއި ކްރިމިނަލް ކޯޓްގެ އިސް ގާޒީގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބު އޮންނާނެ ތާރީހެއް އިލެކްޝަން ކޮމިޝަން (އީސީ) އިން އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް އެ ކޮމިޝަނުން ހާމަކޮށްފައި ވަނީ މާރިޗް މަހުގެ ފަހުކޮޅު ނޫނީ އަންނަ އޭޕްރީލް މަހުގެ ފަހުކޮޅުގައި މަޖިލިސް އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނޭ ކަމަށެވެ.