ފަލަސްތީނުގެ މުސްލިމުންނަށް ލިބޭ އަނިޔާތަކާ ގުޅިގެން ރައްޔިތުންނަށް އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި ފަރުޟު ފަސްނަމާދުގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
މި އެންގުން ހާމަކޮށް އިސްލާމިކް މިނިސްޓަރީން ވަނީ ބަޔާނެއް ނެރެފައެވެ.
މީގެ ކުރިން ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން އެންގީ ހަމައެކަނި އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައެވެ.
އެހެން ނަމަވެސް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އެ ބަޔާނުގައި ބުނެފައި ވަނީ ފަލަސްތީން ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވުމަށް އެދި މިއަދު މެންދުރު ނަމާދުން ފެށިގެން މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ފަރުޟު ފަސްނަމާދުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގާކަމަށެވެ.
ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކުއަތުގައި ކިޔާ ހާއްސަ ދުއާއެކެވެ.
މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ މުޖާހިދުން ދަނީ އިސްރާއީލަށް ހަމަލާތަކެއް ދެމުންނެވެ. ހަމާސް އިން އިޒްރޭލަށް ހަމަލާދޭން ފެށީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނަށް އަނިޔާވެރި ވުމުގައި ހައްދު ފަހަނައަޅައި ދާން ފެށުމާއި އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލައި ރައްޔިތުންނަށް އަނިޔާކުރުމުގައި ދުވަހެއް ދުވަހަކަށް ކަންތައް ގޯސްވަމުން ދާތީއެވެ.
ފަލަސްތީނުގެ މިހަމަލައާ އެކު އިޒްރޭލުން ދަނީ ވައިގެ މަގުން ބޮން އަޅައި ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދު ކުރަމުންނެވެ. މިހާތަނަށް ފަލަސްތީނުގެ 3 ހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.