1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަނޑު މަތިން ފެނުނު ހަށިގަނޑާ ގުޅޭ ގޮތުން ފުލުހުންނާއި އެމްއެންޑީއެފްގެ ބަސް!

coast1
ފުލުހުންނާއި އެމްއެންޑީއެފުންވެސް ވަނީ އެމީހާއަކީ ރޭ މޫދަށް ފުންމާލި މީހާކަން ކަށަވަރުކޮށްފައި....ފޮޓޯ:އެމްއެންޑީއެފް
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,625ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކަނޑުުމަތީގައި މަރުވެފައި އޮއްވައި މިއަދު ފެނުނު މީހާއާ ބެހޭ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުންނާއި ފުލުހުންވެސް މައުލޫމާތު ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން އަދި ފުލުހުން ވެސް ވަނީ ކަނޑުމަތިން ފެނުނު ހަށިގަނޑަކީ ރޭގެ ވަގުތެއްގައި ރަސްފަންނު ކައިރި މޫދަށް ފުންމާލި މީހާކަން ކަށަވަރުކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުގައި ކަނޑުމަތިން ފެނުނު ހަށިގަނޑަކީ ރޭ މޫދަށް ފުންމާލި 41 އަހަރުގެ ފިރިހެނެކެވެ. މިމީހާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށާއި އިއްޔެ އޭނާއާ ބައްދަލުވި ކަމަށް އެމީހާ ދަންނަ މީހަކު ވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުގައި ކޮންމެވެސް ކަމަކާ ވަަރަށް ކަންބޮޑުވެގެން ވާހަކަ ދެއްކި ކަމަށްވެއެވެ. މިމީހާ މޫދަށް ފުންމާލީ ކިހިނެއް ވެގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ. މިމިހާގެ ޖަނާޒާގެ ކަންތައް އާއިލާއިން ކުރިއަށް އެބަގެންދެއެވެ.

300 × 250

ރޭ ގާތްގަނޑަކަށް އިރުއޮއްސި 7:45 ހާއިރު ރަސްފަންނު ސަރަހައްދުގައި އުޅުނު ހުވަދޫނޫހުގެ ޖާނަލިސްޓަކަށް ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރި ވާތީވެ ކިހިނެއްވީތޯ ހޯދައި ބެލިއިރު އެދިމާލުން މީހަކު މޫދަށް ފުންމާލައިގެން އުޅޭތީ ފުލުހުން އެމީހާ ހޯދަނީ ކަމަށް އެހިސާބަށް އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު ވަނީ ބުނެފައެވެ. ނަމަވެސް އެވަގުތު ފުލުހުން މިކަމާ ބެހޭ މާބޮޑު މައުލޫމާތެއް ހިއްސާ ނުކުރެއެވެ.

އޭގެ ފަހުން މިއަދު ހެނދުނުގެ ވަގުތުގައި މާލެ ސަރަހައްދު ދޫނިދޫ އާ ދިމާލުން ކަނޑުމަތިން އިންސާނެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ވަނީ މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ދޫނިދޫ އާއި ފުނަދޫ (ތެޔޮ ފުނަދޫ) އާ ދެމެދުން ކަނޑުމަތިން މަރުވެފައިވާ ފިރިހެނެއްގެ ހަށިގަނޑު ނެގިކަމަށާއި އެކަމާ ގުޅޭ އިތުރު ކަންކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. ސޯޝަލްމީޑިޔާގައި ދައުރުވަމުންދިޔަ ވީޑިޔޯކްލިޕުން އެ މީހާ އޮތީ ބަރަހަނާހާލުގައިކަންވެސް ހާމަވެއެވެ.

އަދި ރޭގެ 19:25 ހާއިރު ރަސްފަންނު ސަރަހައްދުން މީހަކު މޫދަށް ފުންމާލި ކަމުގެ މައުލޫމާތު ފުުލުހުންނަށް ލިބިފައިވާ ކަމަށާއި ރިޕޯޓް ލިބުމާއެކު އެ ސަރަހައްދަށް ފުލުހުން ދިޔަ އިރު ފުންމާލި މީހާ މޫދުގެ ހިސާބަކުން ފެންނާތީ ސީނަށް ދިޔަ ފުލުހުން މޫދަށް ފުންމާލައިގެން އެހިސާބަށް ދިޔަ ކަމަށާއި އެހެންނަމަވެސް އެމީހާ އޭރު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް މިއަދު ހެނދުނު 11:49 ހާއިރު މީޑިޔާތަކަށް ހިއްސާކޮށް ފޮނުވި މެސެޖެއްގައި ބުނެފައެވެ. އަދި އެ މައުލޫމާތު ފުލުހުން ވާނީ އެމްއެންޑީއެފަށް ހިއްސާ ކޮށްފައި ކަމަށްވެސް ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުންވެސް ވަނީ މައުލޫމާތު ހާމަކޮށްފައެވެ. އެގޮތުން، މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ، ރޭ 19:54 ހާއިރުކަމަށާއި އެ ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ ރެއިން ފެށިގެން އެމީހާ ހޯދުމުގައި ހަރަކާތްތެރިވެފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ މީހާ ހޯދުމުގެ ގޮތުން މިއަދު ހެނދުނު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ރަސްފަންނު ކައިރި ކަނޑުއަޑިން 41590 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިކަމަށާއި އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ، ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީގެ ފެރީގެ ފަޅުވެރިންނަށްކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން އެމީހާގެ ހަށިގަނޑު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:19 ހާއިރުކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއިއެކު މި މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، އެމީހާ މޫދަށް ފުންމާލީކަމަށް ބެލެވޭކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައިނުވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންވެސް ބުނެފައިވަނީ  ކަނޑުމަތިން މިއަދު ފެނުނު ހަށިގަނޑަކީ ރަސްފަންނާ ދިމާއިން ރޭ މޫދަށް ފުންމާލި މީހާގެ ހަށިގަނޑުކަން ފުލުހުންގެ ތަހުގީގަށް ވަނީ ކަށަވަރުވެފައި ކަމަށެވެ. އަދި އެއީ 41 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އާއިލާއަށް ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި