ކުރިޔަށް އޮތް ރައްޔިތުން މަޖިލީސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވާދަކުރައްވަން ނިންމަވައިފިއެވެ.

ހުވަދޫނޫހަށް މިކަން ނަރީޝް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ހަމައެހެންމެ އެކްސް ޕޯސްޓެއްގައިވެސް ނަރީޝް ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެ ކަން ހާމަކުރައްވާފައެވެ.

އެކްސްގައިި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ މިއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގިނަ ރައްޔިތުންގެ އެދުުމުގެ މަތިން ނިންމެވި ނިންމެވުމެއް ކަމަށެވެ.

“ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ ދާއިރާގެ ތަރައްގީއަށް ސަރުކާރާއެކު މަސައްކަތްކުރެވޭނެ އަދި ހަގީގީ މާނައިގެ ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ސާބިތުކަމާއި އެކު ހުންނާނެ ރައްޔިތުންގެ ހާދިމަކަށް އަޅުގަނޑުވާނެ.“

ނަރީޝް ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް ޕީއެންސީ މެންބަރުން އޭނާއަށް ތާއީދުކޮށްދެއްވައި ޕްރައިމަރީ ކާމިޔާބު ކޮށްދިނުމަށް އެދިވަޑައިިގެންފައެވެ.