އިޒްރޭލުން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ފަހުން ލިބޭނީ ލަނޑެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

ހަމާސްއާ ދެކޮޅަށް އިސްރޭލުން ކުރަމުންދާ ހަނގުރާމައިގައި އިސްރޭލުން ވަނީ ޣައްޒާއަށް ފެނާއި ކާބޯތަކެތީގެ އިތުރުން އިންސާނީ އެހެން އަސާސީ ބޭނުންތައްވެސް ފޯރުކޮށްނުދީ މެދުކަނޑާލައިފައެވެ. ފަލަސްތީނުގެ މުސްލިމް އާއިލާތައް ޅަދަރިންނާއެކު ތިބީ ކަނުއަނދިރީގައި ފެނަށާއި ކާތަކެއްޗަށް ޖެހި އިންސާނީ އެހީތެރިކަމަށް ބޭނުންވެފައެވެ.

މިފަދަ އަމަލުތަކުން ސަބަބުން ފަލަސްތީނުންގެ ނަފްރަތު ޔަހޫދީންނަށް ޒަމާންތަކެއް ވަންދެން ދެމިގެން ދާނެ ކަމަށާއި ކުރިއައް އޮތް މުސްތަގުބަލުގައި ބައިނަލްއަގްވާމީ ތާއިދު އިސްރޭލަށް  ނުލިބިދާނެ ކަމަށް އޮބާމާ ވިދާޅުވެއްޖެއެވެ. އޮބާމާ މިހެން ވިދާޅުވެފައިވަނީ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައެވެ.

އިސްރޭލާ ހަމާސްއާ ކުރަމުންދާ ހަނގުރާމައިގައި އޮބާމާގެ ތާއިދުވަނީ ޒަޔަނިސްޓް އިސްރޭލުންނާއި އެކުގައިކަން އޮބާމާވަނީ ތަކުރާރުކޮށް ފާޅުކޮށްފައެވެ. ނަމަވެސް އިސްރޭލުން ޣަައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޮބާމާ ވިދާޅުވިއެވެ. އެއީ މިފަދަ އަމަލުތަކުގެ ސަބަބުން ކުރިއަތް އޮތް މުސްތަގުބަލުގައި އިސްރޭލަށް ފައިދާ ނުކޮށްފާނެތީ ކަމަށް ވެސް އޮބާމާ ވިދާޅުވިއެވެ.

އިސްރޭލާއި ހަމާސްއިން ކުރަމުންދާ ހަނގުރާމައިގައި 1400 އަށް ވުރެގިނަ މީހުން އިސްރޭލުން މަރުވެފައިވާއިރު, ޝަހީދުވި ފަލަސްތީނުންގެ އަދަދު މިހާރުވަނީ 5000 އާގާތް ކޮށްފައެވެ.