މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ކައުންސިލް މެމްބަރު އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ރާއްޖޭގައި މަޝްހޫރު ކަމެއް ހޯދާފައިވާ ޝުމްބާ ހައްޔަރު ކުރީ ރޭގަ އެވެ. އޭނާ ހައްޔަރު ކުރީ މާލޭގެ ކެނެރީމަގުންނެވެ. ފުލުހުން ބުނީ  ކެނެރީ މަގުގައި މާރާމާރީއެއް ހިންގާ ކަމަށް ރިޕޯޓެއް ރޭ ލިބިގެން ގޮސް ދިވެހި ފިރިހެނަކު ހައްޔަރުކޮށް އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ. ޝުމްބާގެ ވަކީލު، ކުރީގެ ގާޒީ މުހައްމަދު ހަލީމް ވިދާޅުވީ ޝުމްބާ ހައްޔަރަށް ނެގީ މާރާމާރީ ހިންގަން ހިތްވަރު ދިން ކަމުގެ ތުހުމަތުގައި ކަމަށެވެ. "ޝުމްބާ ދިޔައީ މާރާމާރީއެއްގެ މައުލޫމާތު ލިބިގެން އެތަން ކަވަރުކުރަން. އެތަނަށް ފުލުހުން އައުމުގެ ކުރިން ގްރޫޕުގެ މީހުން ފިލައިފި. އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ," ޝުމްބާގެ ވަކީލު ވިދާޅުވިއެވެ.