އަންނަ މަހު ބާއްވާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ޖެހޭނީ މަޖިލީހުގެ އިތުބާރު އޮތް ރައީސަކާ އެކު ކަމަށާއި, މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ ނުނިންމައި ޑރ މުއިއްޒު ކުރައްވާ ވެރިކަމުގެ ހުވާ ގަބޫލުނު ނުކުރާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެ ޕާޓީން ވަނީ ނަޝީދުގެ މައްސަލަ ނުނިމި އޮވެ އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ނުދޭން ވެސް ނިންމައިފި އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހަށް އެޖެންޑާކޮށް ނަޝީދު ވަކިކުރުމަށް ވޯޓު ދޭން ތްރީލައިން ވިޕެއް އެމްޑީޕީން ވަނީ ނެރެފަ އެވެ. އެކަމަކު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ނަޝީދު އުޅުއްވަނީ އެ ދުވަހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ގޮތެއް ހަދައި އެކަން ދިގު ދަންމަން ކަމަށެވެ.
"[ނޮވެމްބަރު]ސަތާރަ ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ކުރައްވާ ހުވާ މި ވޯޓު ނުނިންމައި، ރިޔާސަތަކުން ނިންމާ ނިންމުމެއް އަޅުގަނޑުމެން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުވައި ކުރައްވައިގެން ހުރި ރައީސެއްކަމުގައި ނުބަލާނަން. އެގޮތަށް އަޅުގަނޑުމެން މަޝްވަރާ ކުރެވިފައި އޮތީ،" އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވާ ބޭފުޅަކު މަގާމާ ހަވާލުވެވަޑައިގެން ހުވާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.
ރައީސުލް ޖުމްހޫރިއްޔާ ކުރައްވާ ހުވާ މި ވޯޓު ނުނިންމައި، ރިޔާސަތަކުން ނިންމާ ނިންމުމެއް އަޅުގަނޑުމެން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުވައި ކުރައްވައިގެން ހުރި ރައީސެއްކަމުގައި ނުބަލާނަން: އަސްލަމް
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓު ނުނަގައިފި ނަމަ މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ގެންދަން އެއްބާރުލުން ނުދޭނެ ކަމަށާއި އެއަށްފަހު ކުރިއަށް ގެންދާ ކަންކަން ގަވައިދާ ހިލާފަށް ކުރާ ކަންކަމަށް ވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވެސް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ރިޔާސަތުގައި އެ މަނިކުފާނު އިންނަވައިގެން އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާ ގާނޫނީ ޖަލްސާއަކަށް ނުވާނެ ކަމަށެވެ.
"ރައީސް ނަޝީދު އިންނަވައިގެން، އިތުބާރު ނެތް މައްސަލާގައި ވަކި ގޮތެއް ވޯޓުން ނުނިންމަވައި އެ ޖަލްސާ ކުރިއަށް ގެންދަވައިފިކަމަށް ވަންޏާ، ރައީސް ފޮނުވާ ކެބިނެޓާއި މި ކަންކަމަށް އަޅޫގަނޑުމެން ހަމަ ކަނޑައެޅިގެން ނޯ ޖަހާނީ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާދިއްތަ ދުވަހުގެ ޖަލްސާއަށް ވަޑައިނުގެން އެ ދުވަހު ޖަލްސާ ކުރިއަށް ގެންދަން ފުުރުސަތު ނުދޭން ރާވާފައިވާ ކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތުކުރެއްވި އެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިތުރަށް ފަސްކޮށް އާންމު ޖަލްސާތައް ހޯމަ ދުވަހު ފަށަން މަޖިލީހުގެ އިދާރާ އިން މަސައްކަތް ކޮށްފާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.