މާދަމާރޭ ހަނދުކޭތައެއް ހިފާތީ މުޅިރާއްޖޭގަ ހަނދުކޭތަ ނަމާދު ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓަރީ އިން ނެރުނު ސަރކިއުލާރ އެއްގައި ބުނެފައި ވަނީ 28 އޮކްޓޯބަރު 2023 / 12 ރަބީއުލްއާޚިރު 1445، ވާ ހޮނިހިރު ދުވަހުގެ ރޭ 23:01 ގައި ހަނދުކޭތައެއް ހިފާނެ ކަމަށެވެ.

ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމު 01:14 ގައެވެ. ކޭތަ ވީއްލާނީ 03:26 އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު އެސާރކިއުލާގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެންމެ ބޮޑު މިސްކިތެއްގައި މާދަމާ ރޭ 01:15 ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށެވެ. އަދި ކޭތަ ނަމާދުގެ ހުތުބާ އެ މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރަން ނިންމާފައިވާކަމަށާއި އެގޮތުން މާދަމާ ހެނދުނު އެ މިނިސްޓަރީގެ ވެބްސައިޓްގައި ހުތުބާ އިއުލާން ކުރާނެކަމަށް ބުނެފައިވެއެވެ. ކޭތަ ހިފުމުން އިންސާނުންނަށް ހަނދާންކޮށްދެނީ ގިޔާމަތްދުވަހުގެ އަލާމާތްތަކެވެ. ހަނދުކޭތަ ހިފުމާ ގުޅިގެން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ބަސްނާހާ ކުދިން އަހިފަތުން ތެޅުން ކަހަލަ، މާބަނޑު މީހުން ކޭތަ ވީއްލަންދެން ތޫނުއެއްވެސް އެއްޗަކުން މަސައްކަތްކޮށް، ކައިރިނުވުން ފަދަ  ބިދުއަވެރި ކަންތައް ކޮށް އުޅުނެވެ. އެހެންނަމަވެސް ކޭތަ ހިފުމާ ގުޅިގެން ކޭތަ ނަމާދު ފިޔަވައި ރަސޫލުﷲސައްލަﷲއަލައިހި ވަސައްލަމަގެ ސައްހަ ސަނަދުން ސާބިތުވާ މިފަދަ އެއްވެސް ކަމެއް ނޯވެއެވެ. ކޭތަ ނަމާދަކީ ސުންނަތް ނަމާދެކެވެ. ދެރަކްއަތުގެ މިނަމާދުގެ ވަގުތަކީ ކޭތަ ހިފީއްސުރެ ވީއްލަންދެނެވެ.