ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ދެ ފިޔަވަހީގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު މިފަދައިން ވިދާޅުވީ ހުޅުމާލޭ ފޭސް އެކެއް ގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ހުޅުމާލެއަކީ މާލޭގެ އެއްބައި ކަމަށާއި ހުޅުމާލޭގެ އެންމެހާ މުނިސިޕަލް ހިދުމަތްތައް މިހާތަނަށް ފޯރުކޮށްދެމުން އަންނަނީ އާބަންކޯއިންކަން ފާހަގަ ކުރައްވައި، ޑރ މުއިއްޒު ވިދާޅުވީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާ ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ އެއްކަމެއްގެ ގޮތުގައި ހުޅުމާލޭގެ ދެފިޔަވަހީގެ މުނިސިޕަލް ހިދުމަތް ކައުންސިލާ ހަވާލު ކުރައްވާނެ ކަމަށެވެ.
އެގޮތުން ހުޅުމާލޭ މަގުތަކާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މަގުމަތި ދިއްލުމުގެ އިތުރުން އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކައުންސިލާ ހަވާލުކުރައްވާނެ ކަމަށާއި ހުރިހާ ވަސީލަތްތަކާއެކީ ހިދުމަތް ދެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މާލެއެކޭ އެއްގޮތަށް ހުޅުމާލޭގައިވެސް ޕާކިންގެ މައްސަލަ އުޅޭކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކައުންސިލްގެ މޭޔަރަކަށް ހުންނެވިއިރު ދާއިރާގެ މެންބަރާއި ގުޅިވަޑައިގެން ހުޅުމާލޭގައި ބޮޑު ޕާކިންޒޯންއެއް ހެދުމަށް ޕްލޭން ކުރެވުނު ކަމަށާއި އެކަން ނުވީ ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް އާބަންކޯއިން ދެމުން ގެންދިޔުމުން ކަމަށެވެ.
އެހެންނަމަވެސް މުއިއްޒުގެ ސަރުކާރުގައި ހުޅުމާލޭގައި ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި ފޭސް 1 އަދި 2 ގައި ޕާކިންގ ޒޯންތަކެއް ހަދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޚިޔާލު (1)
ރެޑްވޭވް ސަލީމު ފިހާރަ ހަދަން ފޭސް 2 އިން ނުލިބިގެން އެޅޭ ބިން ލިބޭގޮތްވީއެވެ. މަރުހަބާ ސަލީމް!