އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން އަލަށް ތަރައްގީ ކުރަން ނިންމާފައިވާ ކ. ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ. އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިިނިސްޓްރީއިން އިއްޔެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި ހިމަނާފައިވާ ގޮތުގައި ރައީސް މުއިއްޒުގެ އެންމެ ބޮޑު އުމްރާނީ އެއް މަޝްރޫއު، ފުށިދިއްގަރުފަޅު ހިއްކުމަށް ކުރިއަށް އޮތް ތިން އަހަރަށް 1.4 ބިލިއަން ރުފިޔާ ސީދާ ބަޖެޓުން ހަރަދު ކުރަން ވަނީ ހިމަނައިފަ އެވެ. އެގޮތުން ހައުސިން މިނިސްޓްރީގެ ދަށުން ހިންގުމަށް ރާވާފައިވާ އެ މަޝްރޫއުގެ ދަށުން ފައިސާ ހަރަދު ކުރަން ބަޖެޓް ކޮށްފައި ވަނީ
- 2024 އަށް 400 މިލިއަން ރުފިޔާ
- 2025 އަށް 600 މިލިއަން ރުފިޔާ
- 2026 އަށް 350 މިލިއަން ރުފިޔާ
ޑރ މުއިއްޒު އިއުލާންކުރައްވާފައިވާ ގޮތުގައި ފުށިދިއްގަރުފަޅުން 1،280 ހެކްޓަރު ހިއްކާނެ އެވެ. އެއީ ހުޅުމާލެ ދެ ފޭސްއަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެކެވެ. ފުށިދިއްގަރު ތަރައްގީ ކުރާނީ މޫސުމީ ބަދަލުތަކުން ލިބޭނޭ ގެއްލުންތައް ކުޑަވާނޭ ގޮތަށް ތިން މީޓަރަށް ވުރެ އުސްކޮށްކަމަށްވާއިރު، އެ ރަށުގައި އެކަނި 31،500 ހައުސިން ޔުނިޓް އެޅުމަށް ވަނީ ރާވާފައެވެ. އަދި އެރަށުގައި ޔޮޓްމެރީނާ އާއި ކްރޫޒް ޓާމިނަލް ހިމެނޭނެއެވެ. މިއާއެކު ގެސްޓްހައުސް އާއި ޓޫރިޒަމަށް ހާއްސަ ވަކި ދެ ރަށެއް އެ ފަޅުގައި ތަރައްގީކުރުމަށް ވަނީނިންމާފައެވެ. ހަމައެހެންމެ ވިޔަފާރި އަދި ކުޅިވަރަށް ހާއްސަ ސަރަހައްދެއް ތަރައްގީކުރެވޭނެއެވެ. "ފުށިދިއްގަރު"ގެ މި މަޝްރޫއު ހިމެނޭހެން މި ސަރުކާރުން ފަށާފައިވާ ގިރާވަރު އަދި ގުޅީފަޅު މަޝްރޫއު ހިމަނައިގެން 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ޑރ މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރަށް މިހާރުވެސް ބަޖެޓްގައި، ހިނގަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ފައިސާ ވަނީ ހިމަނައިފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 118 މިލިއަން ރުފިޔާ އަދި ފަހިދިރިއުޅުން ކޯޕަރޭޝަނުން އަޅާ 4،000 ފްލެޓްގެ މަޝްރޫއުއަށް 286 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.








ޚިޔާލު (1)
ބުރިޖު ްނުގުޅުވޭތަނެއްހިތްކުމުގެބޭނުނެއްނެތް