އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ހަފުލާއަށް ވަޑައިގަތުމަށް އާންމު ރައްޔިތުންގެ ތެރެއިން އެއްހާސް މީހުންނަށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. ފިރުޒުލް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވަމުންނެވެ. ޑރ މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރަމުން ގެންދާ ކަމަށް މިއަދުގެ ބައްދަލުވުމުގައި ފިރުޒުލް ވަނީ ވިދާޅުވެފައެވެ. "އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އިތުރު 1000 އާންމުންނަށް އާންމުކޮށް ހުޅުވާލައިގެން މި ރަސްމިއްޔާތުގައި ބައިވެރިވެވޭނެ ފުރުސަތު ހުޅުވާލުމަށް،" ފިރުޒުލް ވިދާޅުވިއެވެ. އާންމު ރައްޔިތުންގެ ތެރެއިން 1000 ،މީހުންނަށް ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވާއިރު، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރަސްމީކޮށް 3500 ފަރާތަކަށް ދައުވަތުދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. ވެރިކަމުގެ ހުވާ ކުރައްވާނީ އެކަމަށްޓަކައި ޚާއްސަ ކުރެވިގެން ބާއްވާ ބޮޑު ރަސްމިއްޔަތެއްގައެވެ. މަޖިލީހުން ވިދާޅުވީ، ދައުވަތު ދެއްވާ ބޭފުޅުންގެ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ އިސް ބައެއް ބޭފުޅުން ހިމެނޭކަމަށެވެ. މީގެ އިތުރުން މިހާރު އިންތިޒާމުތައް ހަމަޖެހިފައި އޮތް ގޮތުން ނަމަ އާންމުންނަށްވެސް މި ހަފްލާގައި ބައިވެރިވެވޭނެ ކަމަށް ޒިޔާޢު ވިދާޅުވިއެވެ. ޒިޔާއު ވިދާޅުވީ، މި ހަފްލާއަށް 3500 މީހުންނަށް ދައުވަތު ފޮނުވޭނެ ކަމަށެވެ. ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.