ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ މިއަދުވެސް ސަލާމުގައި ހުންނެވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރެއްވުމަށް ހުށައަޅުއްވާފައިވާ ޤަރާރުގެ މައްސަލަ ކުރިއަށް ނުގެންދެވި ޖަލްސާ ކެންސަލް ކޮށްފިއެވެ.
މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސާލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ މައްސަލަ މިހަފްތާގެ އާދީއްތަ ދުވަހާއި ހޯމަ ދުވަހުގެ ޖަލްސާއަށްވެސް އެޖެންޑާކުރިއެވެ. ނަމަވެސް މި ދެ ޖަލްސާއަށްވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ ސަލާމް ވިދާޅުވެފައިވާތީ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ.
އީވާ ސަލާމުގައި ހުންނެވީ ޑެންގީ ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީއެވެ. އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ، މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތައްވެސް މަޖިލީހާ ހިއްސާކުރައްވާފައެވެ.
މަޖިލީހުގެ އަމީން އާންމު ސޮއި ކުރައްވާ އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ ނަޝީދުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް ނައިބުރައީސް އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުއްވާފައިވާ ކަމަށެވެ. އެހެންވެ، އެ ޖަލްސާ ކުރިއަށްނުގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ.
ނަމަވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައިވެސް މަޖިލިސް ކުރިއަށް ގެންދެވޭނެކަން މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާކަމަށެވެ. އެގޮތުން މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށް ބަޔާންކުރާ މާއްދާ މެންބަރުން ފާހަގަކުރައްވައެވެ.
އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ. މި ގޮތުން މިހާތަނަށް މަޖިލީހުގައި ރައީސާއި ނައިބު ރައީސް ރިޔާސަތުގައި ވަޑައިގެން ނެތް ދުވަސްތަކުގައި ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފުވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.