ރާއްޖޭގައި ޔުޓިލިޓީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ދެ ކުންފުނި ކަމަށްވާ އެމްޑަބްލިއުއެސްސީ އާއި ވެމްކޯ މި ސަރުކާރުުން ހިންގަމުން އައީ އެއްވެސް ހަރުދަނާ ކަމެއް ނެތި ކަމަށާއި ދެ ކުންފުނީގައި ވެސް އެތައް ބިލިޔަން ރުފިޔާގެ ދަރަނި އެބަހުރި ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. އިންތިގާލީ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އެމްޑަބްލިއުއެސްސީ އާއި ވެމްކޯ ހިންގަމުންދަނީ އެއްވެސް ޕްލޭނެއް ނެތި ހަރުދަނާ އުސޫލެއް ނެތި ކަމަށާއި ދެ ކުންފުނީގެ ދަރަނި ބިލިޔަނުން މައްޗަށް އަރާފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. ފިރުޒުލް ވަނީ މި ދެކުންފުނީގެ ދަރަނީގެ ތަފްސީލް ހާމަކުރައްވައިފައެވެ. ޖުމްލަ 1.4 ބިލިޔަން ރުފިޔާގެ ދަރަނި އެމްޑަބްލިއުއެސްސީގައި އެބަހުރިކަމަށް ފިރުޒުލް ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން ސަޕްލަޔަރުންނަށް ދޭން ޖެހޭ 137 މިލިއަން ރުފިޔާ އާއި ކްރެޑިޓަރުންނަށް ދޭން ޖެހޭ 822 މިލިއަން ރުފިޔާ އަދި ލޯނުގެ ގޮތުގައި ދައްކަން ޖެހޭ 493 މިލިއަން ރުފިޔާ ހިމެނޭ ކަމަށް ވިދާޅުވިއެވެ. ފިރުޒުލް ވިދާޅުވީ ވެމްކޯ ހިންގުމުގައިވެސް ގިނަ އިހުމާލުތައް އެބައުޅޭ ކަމަށެވެ. އެގޮތުން ބިޒްނެސް ޑިވެލޮޕްމެންޓް ޕްލޭނެއް ނެތް ކަމަށާއި 2020 ވަނަ އަހަރުން ފެށިގެން މާލީ އޮޑިޓުވެސް އެކުންފުނިން ފުރިހަމަ ނުކުރާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ތަނުގައި ހުރި މުދަލާއި އެ ނޫން ވެސް ސާމާނާއި އާލާތްތަކުގެ އިންވެންޓްރީ އާއި ސްޓޮކް ވެސް ވެމްކޯއިން ރަނގަޅަށް ނުބަލަހައްޓާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ވެމްކޯގެ ޖުމްލަ ދަރަނި 226 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ. ކުންފުނިތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އިންތިހާބީ އޮފީހުން ހުށަަހަޅާ ކަންތައްތަކުގެ ގޮތުގައި ފިރުޒުލް ފާހަގަކުރެއްވި ކަންތައްތަކަކީ:
- ކުންފުނިތައް އަމިއްލަ ފައިމައްޗަށް ތެދުކުރުން
- މާލީ އަދި އިދާރީ ހިންގުން ހަރުދަނާކުރުން
- އާއްމު ކުދި ވިޔަފާރިތަކަށް އަދާކުރަން ޖެހޭ ފައިސާ ވީ އެންމެ އަވަހަށް އަދާކުރުން
- މުޅި ޔޫޓިލިޓީ ނިޒާމުގެ އޮނިގަނޑާ މެދު އަލުން ވިސްނުން
- ހިންގަމުން ގެންދާ މަޝްރޫއުތައް ބާރަށް ނިންމުމަށް އިސްކަން ދިނުން
މި ދެކުންފުނީގެ އިތުރުން ޔުޓިލިޓީގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ ދަރަނި 4.1 ބިލިއަން ރުފިޔާ އަށް އަރާއިރު ސްޓެލްކޯގެ ދަރަނި 3.7 ބިލިއަން ރުފިޔާއަށް އަރައެވެ. ފިރުޒުލް ވިދާޅުވީ ހަތަރު ކުންފުނީގެ ދަރަނިތައް އެއްކޮށްލާނަމަ ޖުމްލަ ދަރަނީގެ ގޮތުގައި ނުވަ ބިލިއަނަށްވުރެ ގިނަ ރުފިޔާ އެބައޮތް ކަމަށެވެ. އަދި ކުންފުނީގެ މާލީ އަދި އިދާރީ ހިންގުމުގައި ހަރުދަނާ ކަމެއް ނެތުމާއި ބަޖެޓް ފާސްކުރުމާއި ފައިނޭންޝިއަލްތައް އޮޑިޓްތައް ގެންދަންޖެހޭ ތަރުތީބުން ކުރިއަށްގެންދިއުމާއި ޕްރޮކިއުމެންޓާއި ސްޓޮކް ބެލެހެއްޓުމާއި މުވައްޒަފުން ނެގުމާ ދެން ހުރި އިދާރާއި ކަންކަން އެކަށީގެންދާ މިންގަނޑުތަކަށް ހިފެހެށްޓިގައި ނެތުމުގެ ނަތީޖާއެއްގެ ގޮތުން އެ ހަރަދު އިތުރަށް ބޮޑު ކުނފުނިތަކުގެ ހާލަތު ގޯސްވުމަށް ވަނީ މެދުވެރިވެފައި ކަމަށް ވިދާޅުވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.