ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭތީ އެކަމަށް ފަރުވާއެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގާ އެ ކޯޓުން ވަކި ގޮތެއް ނުނިންމަނީސް ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާކަން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ، ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.
އީވާ މިކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއަށް ފޮނުއްވެވި ސިޓީފުޅެއްގައެވެ
“ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ، އަދި އެ ކޯޓުގައި މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާގުޅޭ ކަންކަމާމެދު އެ ކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިއުމުގައި ރިޔާސަތުގައި އިނުމަށް އަޅުގަނޑު އުޒުރުވެރިވަމެވެ” އެ ސިޓީގައި އީވާ ވިދާޅުވެފައިވެއެވެ.
އީވާގެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީއެއްގެ ގޮތުން ތަމްސީލުކުރާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެ ކޯޓުން އެކަމުގައި ގޮތެއް ކަނޑައެޅުން މުހިންމުކަމަށް އެ ޕާޓީ އަދި އެ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕުން ގަބޫލުކުރާތީކަމަށެ ދެކޭކަމަށާއި އެ މައްސަލަ މިހާރު ކޯޓުގައި ކުރިއަށްދާއިރު ގޮތެއް ކަނޑައަޅާ ނިމުމުގެ ކުރިއަށް މަޖިލީހުން ވަކި ގޮތެއް އިހްތިޔާރުކޮށްގެން ކުރިއަށް ގެންދިއުމަކީ މަޖިލީހުން އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު ކަންކުރަމުން އަންނަ ގޮތް ނޫން ކަމަށްވެސް އީވާގެ އެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
އީވާ މި މޭރުމުން ސިޓީފުޅެއް ފޮނުއްވާފައިވާއިރު ނިމިދިޔަ ހަފްތާގެ ހަތަރު ދުވަހެއްގައި ރައީސް ނަޝީދު ވަކި ކުރުމުގެ ގަރާރު އެޖެންޑާ ކުރިއެވެ. އެހެންނަމަވެސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ހަތަރު ދުވަހުވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.