ހުޅުމާލޭގެ ހިޔާއަވަށުގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފްލެޓްތައް ވިއްކަން އިއްޔެ ހުޅުވާލި ވަގުތު ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން އެ ފްލެޓްތައް ވިއްކުން އާބަންކޯ އިން މަޑުޖައްސާލައިފި އެވެ.

ވިނަރެސް ޓަވަރުތަކުގައި ބާކީ ހުރި ފްލެޓްތަކުގެ ތެރެއިން އިއްޔެ ވިއްކަން ހުޅުވާޅީ 123 ފްލެޓެވެ. އެ ފްލެޓްތައް ވިއްކަން އިއްޔެ 10:00 ގައި ހުޅުވާލިއިރު ބައިގަޑިއިރު ތެރޭގައި ހުރިހާ ފްލެޓެއް ވަނީ ވިކި ހުސްވެފަ އެވެ.

އެކަމަކު ފްލެޓް ގަންނަން ބޭނުންވި ވަރަށް ގިނަ ބަޔަކަށް އެ ވަގުތުގައި ޕޯޓަލްއަށް ނުވަދެވި ފޯމު ހުށަހެޅޭ ގޮތް ވަނީ ނުވެފަ އެވެ. އެހެންވެ ވަރަށް ގިނަ މީހުން އެކަމުގެ ޝަކުވާ ކޮށްފައިވެ އެވެ. އާބަންކޯ އިން މިއަދު ބުނީ ފްލެޓްތައް ވިއްކަން އެޕްލޮކޭޝަން ފޯމު ހުށަހެޅުމަށް ހުޅުވާލި ވަގުތު ޕޯޓަލްއަށް ދިމާވި މައްސަލަތަކާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި، އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެޕާޓްމެންޓްތައް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މަޑުޖައްސާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ވީމާ، ދެންނެވުނު ޓެކްނިކަލް މައްސަލަތަށް ހައްލުކުރުމަށްފަހު ވިނަރެޝް މަޝްރޫއުއިން އެޕާޓްމެންޓް ބައްލަވައި ގަތުމަށް ފުރުސަތު ހުޅުވާލާނެ ތާރީހެއް މި ކޯރަޕޭޝަނުން އިއުލާނު ކުރާނެ ކަމުގައި ދަންނަވަން،" އާބަންކޯ އިން ބުންޏެވެ. ވިނަރެސް ފްލެޓްތަކަކީ ހިޔާ މަޝްރޫއުގައި އާބަންކޯ އިން ހިންގި، އެއްވެސް މައްސަލައެއް ކުރިމަތި ނުވާ ފްލެޓްތަކެކެވެ. އެ މަޝްރޫއުގައި 10 ޓަވަރު ހިމެނެ އެވެ. އަދި ވިނަރެސްއަކީ މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިޔާގެ ތެރެއިން ކުރިޔަށް ގެންދިޔަ ބައެކެވެ. ވިނަރެސް ފްލެޓްތަކުގައި ހިމެނެނީ 13 ބުރީގެ 10 ޓަވަރެވެ. ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ.