ޗައިނާގެ މާލީ އިދާރާތަކުން 2000 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު ތަރައްގީވަމުން އަންނަ ގައުމުތަކަށް ލޯނާއި އެހީގެ ގޮތުގައި1.3 ޓްރިލިއަން ޑޮލަރު ދީފައިވާ ކަމަށް އެއިޑްޑޭޓާއިން މި ހަފުތާގައި ނެރުނު އާ ރިޕޯޓެއްގައި ބުނެފި އެވެ.
މި ދިރާސާއިން އަންދާޒާކޮށްފައިވާ ގޮތުގައި ޗައިނާއިން ތަރައްގީވަމުން ގައުމު ތަކަށް ދޫކުރާ ލޯނުގެ 80 ޕަސެންޓް މިހާރު ހޭދަވަނީ މާލީ ގޮތުން ހާލުގައި ޖެހިފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އެ ގައުމުތަކުން 2021 ވަނަ އަހަރުގެ ނިޔަލަށް ޗައިނާގެ ލޯނުދޭ ފަރާތްތަކަށް 1.1 ޓްރިލިއަން ޑޮލަރާއި 1.5 ޓްރިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އަނބުރާ ދައްކަން ޖެހޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެއިޑްޑޭޓާއިން ، 2000 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު ޗައިނާގެ ހިލޭ އެހީއާއި ލޯނުތަކާއެކު ފައިނޭންސް ކޮށްފައިވާ، ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ 165 ގައުމެއްގެ ގާތްގަނޑަކަށް 21،000 ޕްރޮޖެކްޓް ވަނީ އެނަލައިޒްކޮށްފަ އެވެ.
އެ ރިޕޯޓުގައި ވާގޮތުން ޗައިނާއަކީ ބައިނަލްއަގްވާމީ ތަރައްގީއަށްޓަކައި ފައިސާގެ އެހީ ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު ރަސްމީ ފަރާތެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ޗައިނާގެ ހިލޭ އެހީ އާއި ލޯނު އެހީގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން ތިމާވެއްޓާއި އިޖުތިމާއީ ކަންކަމަށާއި ، ސަރުކާރުތައް ހިންގުަމަށް 2000 ވަނަ އަހަރު 420 މިލިއަން ޑޮލަރު 17 ޕްރޮޖެކްޓަކަށް ވަނީ ހޭދަކޮށްފައެވެ. މިއަދަދު 2021 ވަނަ އަހަރު 470 ބިލިއަން ޑޮލަރަށްވަނީ މަތިވެފައެވެ . އެއީ1،693 ޕްރޮޖެކަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.