ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ދެކޭގޮތް ބަދަލުވެ، އެފަދަ މީހުން މިހާރު މުޖުތަމަޢުއިން ބަލައި ގަންނަމުންދާކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ކެއާރ ސޮއައިޓީގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ދެކޭގޮތާއި، އެފަދަ މީހުން ބަލައިގަންނަ ގޮތް މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ދެކޭގޮތް ބަދަލުވީ އަމިއްލަ ޖަމުއިއްޔާތަކާއި ސަރުކާރުތަކުން ކުރި މަސައްކަތުންކަމަށެވެ. އަދި މިކަމުގައި މީހުން ހޭލުންތެރިވެފައިވާ މިންވަރު މުޖުތަމަޢުއަށް ބަލާލުމުން އެނގިގެން ދާނެކަމަށެވެ.

އެގޮތުން ކޮންމެ ކަމަކީވެސް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކޮށްފިނަމަ ކާމިޔާބު ވާނެ ކަމެއް ކަމަށާއި، މިފަދަ ކަންތައްތަކަށް ބޭނުންވަނީ މުޖްތަމައުގައި ބޭނުންޖެހިފައި ތިބި ފަރާތްތަކަށް އަޅާލާނެ ބަޔަކުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.