ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސްކަމަށް އިންތިހާބުވެފައިވާ ޑރ. މުހައްމަދު މުއިއްޒަކީ އެއްވެސް ކަމެއްގައި ހަސަދައާއިނަފްރަތުން ބަދަލުހިއްޕެވުމުގެ ރޫހު ގެންގުޅުއްވާ ފަރާތެއް ނޫންކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. ސާޖިދާ އެކަންކަން ބުނެދެއްވީ ޕީއެސްއެމްއިން ގެނެސްދެމުން އަންނަ "ދިވެހީންގެ ރާއްޖެ" ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ޖުމްހޫރީ ދުވަހުގެ ހާއްސަ ޕްރޮގްރާމްގައި ޑރ. މުއިއްޒާއި ބެހޭ ގޮތުން ދެއްކެވި ބައެއް ވާހަކަފުޅުގައެވެ. އެގޮތުން ސާޖިދާ ވދާޅުވީ ޑރ. މުއިއްޒަކީ އެއްޗެއް ވިދާޅުވެއްޖެނަމަ އެކަމެއް ކުރައްވާ ބޭފުޅެއް ކަމަށާއި ވައުދެއް ވެއްޖެއްޔާ ހަމަ ކޮންމެހެންވެސް އެކަމެއް ކުރެވޭތޯ ބައްލަވާނެ ކަމަށެވެ. "ހަމަ ޔަގީން ދައުލަތުގެ މާލީ ހާލަތު ހުރި މިންވަރަކުން ވިދާޅުވި ހުރިހާ ކަމެއްވެސް ކޮށްދެއްވާނެ ކަން، އެކަންކަން ކުރުމަށް ކޮންމެ ކަމެއްވެސް ކުރައްވާނެކަން." ސާޖިދާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޑރ. މުއިއްޒަކީ އަބަދުވެސް މަސައްކަތުގެ ދާއިރާގައި ވަރަށް ޑިޓާމައިންޑް އަދި ވަރަށް ކޮމިޓެޑް ބޭފުޅެއް ކަމަށާއި ރައީސްކަމާއެކު އެކަންކަން އިތުރަށް ޔަގީން ކުރައްވާނެ ކަމަށެވެ. "އަޅުގަނޑުގެ ލައިފްގަ ހަމަ ހަގީގަތުވެސް ނުދެކެން އެހާ ކެތްތެރި ބޭފުޅެއް، އެއީ ކުރިއެރުމުގެ އަސްލަކީވެސް، ކޮންމެ ކަމަކަށްވެސް ވަރަށް ކެތްތެރި ބޭފުޅެއްގެ ގޮތުގަ ފެނިވަޑައިގެންފަ ވަނީ،" ޑރ. މުއިއްޒުގެ ކެތްތެރި ކަމުގެ ސިފައާއި ގުޅޭގޮތުން ސާޖިދާ ވިދާޅުވިއެވެ. ކެތްތެރިކަމާއި މަޑުމައިތިރި ކަމުގެ ބައެއް މިސާލު ދެއްވަމުން ސާޖިދާ ވިދާޅުވީ ޑރ. މުއިއްޒުގެ ބައްޕާފުޅު ނުރުހުންވެގެން އެއްޗެއް ވިދާޅުވިޔަސް އެއްޗެއް ވިދާޅުވި މަންޒަރު ދުވަހަކުވެސް ނުފެންނަ ކަމަށާއި އަދި އެއީ ބޭއިންސާފުން ބުނި ބަހެއް ނަމަވެސް ރަނގަޅުކޮށްނުދީ އިސް ޖަހާލައިގެން ހުންނާނެ ކަމަށެވެ. އަދި އެއީ ބައްޕައަށް ކުރާ އިހްތިރާމް ކަމަށާއި ބައްޕައަށް ފަހުން އެނގިލައްވާނެކަމުގައި އަބަދުވެސް ވިދާޅުވާނެ ކަމުގައި ސާޖިދާ މިއަދު ވިދާޅުވިއެވެ. ޑރ. މުއިއްޒުގެ މަންމާފުޅުގެ ބައެއް ވާހަކަތަކުން މައުލޫމާތު ހިއްސާކުރަމުން ސާޖިދާ ވިދާޅުވީ ޑރ. މުއިއްޒަކީ އަބަދުވެސް ވަރަށް ބަސް އަހާ ކުއްޖެއް ކަމުގައި މުއިއްޒުގެ މަންމަވެސް ބުނުއްވާނެ ކަމަށެވެ. ސާޖިދާ އިތުރަށް ވިދާޅުވީ ޑރ. މުއިއްޒުވެސް އަދި ސާޖިދާވެސް އެންމެ ބޮޑަށް ބިރު ގަންނަ އެއް ކަމަކީ މީހެއްގެ ހައްގަކަށް އެރިދާނެތީ އޮންނަ ބިރު ކަމަށެވެ. އަދި ޑރ. މުއިއްޒަކީ އެނގިހުރެ ދުވަހަކުވެސް މީހެއްގެ ހައްގަކަށް އަރައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި ބަދަލު ހިފުމުގެ ރޫހެއް، ވަކި މީހަކަށް ވީތީ ގެއްލުމެއް ދިނުމުގެ ރޫހެއްވެސް އަދި އެކަހަލަ ވިސްނުންފުޅެއްވެސް ނުގެންގުޅުއްވާނެކަމުގައިވެސް ސާޖިދާ ވިދާޅުވިއެވެ. “ހަސަދަވެރިކަމެއް، ނަފްރަތެއް، ބަދަލު ހިފުމުގެ އެއްވެސް ރޫހެއް ނުގެންގުޅުއްވާނެ،" ސާޖިދާ ވިދާޅުވިއެވެ. ޖުމްހޫރީ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ޑރ. މުހައްމަދު މުއިއްޒު ވެގެންމިދަނީ ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ އަށްވަނަ ރައީސަށެވެ. ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ އަންނަ ހުކުރު ދުވަހު ކުރައްވާނެއެވެ.