ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެ މަޖިލިހުން ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށް، ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ. އޭޖީ ރިއްފަތު މިހެން ވިދާޅުވީ އެކްސް.ކޮމްގައި ކުރައްވާފައިވާ ޕޯސްޓަކުންނެވެ. މަޖިލީހުގެ ރިޔާސަތު އިއްޔެ ބެލެހެއްޓި ޑިމޮކްރެޓުންގެ މެންބަރުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބޭރުކޮށްލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވަނީ ރޭ ވިދާޅުވެފައެވެ. މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށް ބަންޑާރަ ނައިބު ވަނީ ފާހަގަކުރައްވާފައެވެ.
https://twitter.com/ibriffath/status/1723785845642350745
އަދި ހަމައެހެންމެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރުގައި ފުރިހަމަވާން ޖެހޭ ހަމައެކަނި ޝަރުތުތަކަކީ، ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން މެންބަރުން، ލިޔެ، ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރުގައި ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކުރުން ކަމަށްވެސް ރިއްފަތު ވަނީ ވިދާޅުވެފައެެވެ. މިގޮތަށް ކަންކަން ފާހަގަކުރައްވައި ރިއްފަތު ވިދާޅުވީ ދީބާޖާ ނުހިމެނޭ ކަމަށް ބުނެ ޑިމޮކްރެޓުންގެ ރިޔާސަތުން ނަޝީދުގެ މައްސަލަ އިއްޔެ ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށެވެ. މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމުގެ ޖަލްސާތަކަކީ ނުހުއްޓި ކުރިއަށް ގެންދަން ޖެހޭ ޖަލްސާތަކެއް ކަމަށެވެ. އަދި، ނަޝީދުގެ މައްސަލަ އެޖެންޑާ ކުރި ދުވަހު، ނަޝީދުގެ ނުފޫޒު އޮތް މެންބަރަކު ރިޔާސަތު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ ގައި ބުނާ މަސްލަހަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަ ކުރުމެއް ކަމަށް އޭޖީ ވިދާޅުވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.