ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ބިނާކުރުވަނިވި ހައްލެއް ހޯއްދެވުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިގައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެޕޯސްޓުގައި ސައީދު ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރު ދާނީ ކުރިއަށް ކަމަށެވެ.


''ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ބިނާކުރުވަނިވި ހައްލެއް ހޯދުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ ކިބައިގައި އެބަހުރި.'' ސަޢީދު ވިދާޅުވިއެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހުގައި ދިމާވި ގޮންޖެހުންތައް ފާހަގަކުރައްވައި ސަޢީދު ވަނީ އެ ގޮންޖެހުންތަކުގެ ތެރެއިން ޕީޕީއެމް/ޕީއެންސީ މި ހިސާބަށް ގެނެސްދެއްވުމުގައި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ލީޑާޝިޕް ފާހަގަކުރައްވައިފައެވެ. ސަޢީދު މިހެން ވިދާޅުވެފައި މިވަނީ މި ވެރިކަމަށް ހަތްވަނައަށްވީ ދުވަހު ސަރުކާރު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ރައީސް, ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީއިން އިސްތިއުފާ ދެއްވައި އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައި ވަނިކޮށެވެ. ސަޢީދުގެ އިތުރުން ކެބިނެޓްގެ އެހެން މެންބަރުން ވެސް ވަނީ ސަރުކާރު ދިފާއު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެ ބޭފުޅުންގެ ވާހަކަފުޅުތައް މައިގަނޑު ގޮތެއްގައި ބިނާކުރައްވާފައިވަނީ މި ސަރުކާރު ނަގައްހައްޓައި ދެމެހެއްޓުމުގެ މައްޗަށެވެ.