ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ހުރިހާ ޕެޓްރޯލް ޝެޑެއް ނަމާދު ވަގުތަށް ބަންދު ކުރުން މިދިޔަ ރޯދަ މަހުން ފެށިގެން ހުއްޓާލާފައި އޮތް އޮތުން ބަދަލު ކޮށް ނަމާދު ވަގުތުތަކުގައި ޕެޓްރޯލް ޝެޑުތައް ބަންދުކުރަން ފަށައިފިއެވެ.

މި ބަދަލު އިއްޔެ އިން ފެށިގެން ގެނެސްފައި ވަނީ ކުންފުނީގެ އާ އެމްޑީއަކަށް އިސްމާއީލް ސުހައިލް ހަމަޖައްސާ މާގިނަ ދުވަހެއް ނުވަނީސް އެވެ.
އެ ކުންފުނީގެ އާ މެނޭޖްމެންޓުން ނިންމަވާފައި ވަނީ ހުރިހާ ޕެޓްރޯލް ޝެޑެއްގެ ޚިދުމަތް ވެސް ނަމާދު ވަގުތަށް 20 މިނެޓަށް މެދުކަނޑާލުމަށެވެ.
2000 ވަނަ އަހަރުގެ ޑިސެމްބަރ 18، ވަނަ ދުވަހު ސަރުކާރުން އުފެއްދެވި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލްސް ސަޕްލައި މޯލްޑިވްސް (އެފް އެސް އެމް)އަކީ ދިވެހި ރާއްޖޭގެ އެކި ރަށް ރަށަށް ފަސޭހައިން ތެޔޮ ފޯރުކޮށްދިނުމަށްޓަކާ އުފެއްދި ކުންފުންޏެކެވެ. މާލެ ސަރަހައްދުގައި އެފްއެސްއެމްގެ ހަތަރު ޕެޓްރޯލް ޝެޑެއް ޤާއިމުކޮށްފައި ހުރިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް އެފްއެސްއެމް ޝެޑްތައް ހުރެ އެވެ.