ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި އުޅޭ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ ނ. މިލަދޫ / ގުމުރީގެ، މުއްރަތު އަލީ (30އ) އެވެ. އޭނާ ހޯދަމުން އަންނަނީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އިއްޔެ  ރިޕޯޓުކޮށްފައިވާތީ ކަމަށް ފުލުހުން ބުނެއެވެ. މުއްރަތުގެ އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ އޭނާ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އާދީއްތަ ދުވަހު 17:00 އެހައިކަންހާއިރު އެ ކޮޅުވެއްޓީގައި ހުއްޓައި ކަމަށެވެ. އަދި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށެވެ. މުއްރަތު އަލީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.