ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އަޔަސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމުގައި ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެހެން ވިދާޅުވެފައި މިވަނީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓްކުރުން ހުއްޓާލުމަށް އިންޑިއާއިން ނިންމާފައިވަނިކޮށެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭ ކަމަށާއި ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ އެކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ ހިނގާ ކަމެއް ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އިސްކަން ދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން އޮފީހާ ރަސްމީކޮށް ހަވާލުވެލެއްވުމަށްފަހުވެސް ބައްލަވަމުން އައީ ރައްޔިތުންގެ ފުޑް ސެކިއުރިޓޯ ގާއިމުކުރުން. އެކަން ކާމިޔާބު ކުރާނީ ދެމެހެއްޓެނިވި ވަށާ ޖެހޭ ހައްލަކާއެކު،" ސައީދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.