ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ކުދި ރުކުމަޑި ނުވަތަ ކޮކޮނަޓް ލީފް ބީޓްލް ފަދަ ސޫފިތައް ނައްތާލުމަށްޓަކައި، ގުދުރަތީ ގޮތުން އެފަދަ ސޫފިތަކަށް ހަމަލާދޭ ފައިދާހުރި ދިރުންތައް އާލާކުރާ ސެންޓަރެއް ހދ. ހަނިމާދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ. "ޕާމް ޕެސްޓް ބައޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު" ގެ ނަމުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ގާއިމުކުރި މި މަރުކަޒު ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.

މި ސެންޓަރަކީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ތަރައްޤީކުރި ތަނެކެވެ. މި މަޝްރޫޢުގެ ދަށުން ދިވެހި ސަރުކާރާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 14 ޖުލައި 2025 ގައެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން، ރުއްތަކަށް ޖެހޭ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލްކުރުމެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، އަލަށް ހުޅުވުނު މި ސެންޓަރުގައި ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް (ގެއްލުންދޭ ސޫފިތަކަށް ހަމަލާދޭ ފައިދާހުރި ސޫފި) އާލާކުރުމުގެ ގާބިލުކަން ހުންނާނެއެވެ. މިގޮތަށް އާލާކުރާ ސޫފިތައް ދޫކުރާނީ ރާއްޖޭގެ ރަށްރަށުގެ ތެރެއިން ރުއްތަކަށް ބަލިޖެހިފައިވާ ސަރަހައްދުތަކަށެވެ. މިއީ ކެމިކަލް ބޭނުންކުރުމުގެ ބަދަލުގައި ގުދުރަތީ ނިޒާމެއްގެ ތެރެއިން ޕެސްޓް ކޮންޓްރޯލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރާއްޖޭގެ ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކޮކޮނަޓް ހިސްޕިޑް ބީޓްލް އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރު އދ. ސަން އައިލެންޑް ރިސޯޓުންނެވެ. އޭގެ ފަހުން 2003 ވަނަ އަހަރު އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) އާ ގުޅިގެންވެސް މިކަން ހައްލުކުރަން މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް، މިހާރުވެސް ހުދުކޫޑި އާއި އެކި ބާވަތުގެ ޕެސްޓްތަކުގެ ސަބަބުން ރުއްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑުކަމުން، އައު މަޝްރޫޢާއެކު މިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

މި މަޝްރޫޢުގެ ތެރެއިން ހަނިމާދޫގައި މިހާރު ވަނީ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައެވެ. ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ މާހިރުން ދެއްވި މި ތަމްރީނުގައި، ގުދުރަތީ ދިރުންތައް ބޭނުންކޮށްގެން ބަލިތައް މެނޭޖްކުރާނެ ގޮތްތަކުގެ ތިއަރީ އަދި އަމަލީ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން، އެއް ރަށުން އަނެއް ރަށަށް ރުއް އުފުލުމުގައި ކަރަންޓީން މިންގަނޑުތަކަށް އަމަލުކުރުމަށް ކައުންސިލްތަކަށް އިރުޝާދު ދިނުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.