އެމްޑީޕީގެ ކަމަކީ މީހުންނަށް ފުރައްސާރަ ކުރުންކަން ފާހަގަކުރައްވައި މިހާރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެތުމުން ފުރައްސާރަ ކުރަން ދިމާކޮށްގެން އެއުޅެނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ކަމަށާއި އެކަމަނާއަކީ މަސައްކަތްތެތި ކަނބަލެއްކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ސިވިލް ސާވިސްގެ ވަޒީފާގައި މެޑަމް ސާޖިދާ ހުންނަވަނީ ގާނޫނާއި ހިލާފަށްކަމަށް ބުނެ، އެކަމަނާއާއި ސިވިލްސާވިސް ކޮމިޝަނުން ހަދާފައިވާ ކޮންޓްރެކްޓް ބާތިލް ކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ބޮންޑެ ވިދާޅުވީ ސިވިލް ސަރވިސްގެ ގަވާއީދާއި ޚިލާފަށް ކަމެއް ކޮށްފައިވާނަމަ އެ މައްސަލަ މަޖިލީހަށް ވަރަށް ފަސޭހައިން ނިންމޭނެ ގޮތްތައް އޮތް ކަމަށެވެ.
އެހެންނަމަވެސް، މެޑަމް ސާޖިދާގެ މައްސަލައިގައި އެމްޑީޕީ މެންބަރުން ކަން ކުރައްވާ ގޮތުން އެކަން ސިފަވަނީ ސިޔާސީކަމެއްގެ ގޮތުގައިކަމަށް އޭނާ ވިދާޅުވި އެވެ.
ބޮންޑެ ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު، އެމްޑީޕީން ކުރި މަސައްކަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފުރައްސާރަކުރުމާއި، ދިމާކުރުންކަމަށެވެ. އަދި މިހާރު އެމަނިކުފާނު ނެތުމުން އެމްޑީޕީއިން އުޅެނީ މެޑަމް ސާޖިދާ އާ "އަޅައިގަނެގެން" ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެސް އަންހެނަކާއި އަޅައިގަނެގެން އަނެއްކާވެސް މިއުޅެނީ، ފަސްޓް ލޭޑީއާއި އަޅައިގަނެގެން. އަޅުގަނޑުމެން އެބަހުރި މި ގައުމުގައި ވަރަށް މުހިންމު މައްސަލަތައް، މި ގައުމުގައި ހުރި މައްސަލަތައް ހައްލުނުކޮށް، އެކަމާއި ވާހަކަ ނުދައްކާ، މިއަދު ނޮޅިވަރަމް ދާއިރާގެ މެންބަރުވެސް އެ ފާހަގަކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި، ދައުލަތުގެ، ރައްޔިތުންގެ މައްޗަށް ދައުވާ ކުރަން ހުރި މީހާކޮށްގެން އުޅޭކަމުގެ ވާހަކަ. މިފަދަ ކަންކަން ނުބަލާ، އަންހެނަކާ ފޮށެން، ހެނދުނު ދަޅާގައި، ހަމަ އިރުއިރު ތަނާ މިތަނަށް ލުމަކީ ހަގީގަތުގައި ވަރަށް ހަޑި ހުތުރު ކަމެއް."
އިބްރާހީމް ރަޝީދު (ބޮންޑެ)
މިއާއެކު ބޮންޑެ ވިދާޅުވީ ސާޖިދާއަކީ މީގެ ކުރިންވެސް އެމްއެފްޑީއޭ ގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށެވެ. އަދި، އެމްޑީޕީން އެކަމަނާގެ ކޮންޓްރެކްޓް ބާތިލް ކުރަން އުޅެނީ އެކަމަނާއާއި ޒާތީ ގޮތުން ޖައްސާލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ބޮންޑެ ވިދާޅުވީ މިހާރު އެމްޑީޕީ ވެފައިވަނީ ފަސާދަ ޕާޓީއަކަށް ކަމަށާ، އެފަދައިން އެޕާޓީން ކަންކަން ކޮށްގެން ކުރިއަށް އޮތް މަޖިލީހުގެ އިންތިޙާބުގައިވެސް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުވާނެ ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.