2004 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖެއިން ފައިލޭރިއާ ޖެހިފައިވާ ބަޔަކު ކުޅުދުއްފުށި ސިޓީ އިން ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ހާމަ ކޮއްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުށިން އެ ކޭސްތައް ފެނުނީ މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީ ބިދޭސީންގެ ފަރާތުން ކަމަށެވެ. އަދި އެ މީހުންނަކީ ފައިލޭރިއާ މިހާރުވެސް ފެންނަމުންދާ ނުވަތަ އެންޑެމިކް ސަރަހައްދުތަކުން އައިސްފައިވާ މީހުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ އޭޖެންސީ ން ނެރުނު ބަޔާންގައި އިތުރަށް ބުނެފައި ވަނީ ފައިލޭރިއާ ކޭސްތަކެއް ފެނުމުން ކުޅުދުއްފުށީގައި އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެގޮތުން މިހާތަނަށް ޓެސްޓުތަކުން 17 މީހަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވި މީހުންގެ ބަލި ހުރިތޯ ޔަގީން ކުރުމަށް އިތުރު ޓެސްޓު ހެދުމާއި އެ ޓެސްޓުތައް ޕޮޒިޓިވްވާ މީހުންނަށް ދޭންވާ ފަރުވާގެ ކަންކަން އިންތިޒާމު ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް މިރޭ ގެ ނޫސް ބަޔާނުގައު ވެއެވެ.