މިރޭ އިރުއޮއްސުނު ވަގުތު ހުޅުމާލެ ފޭސް 1ގައި އުމުރުން ދުވަސްވީ މަންމައަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ނަފްސާނީ ބަލިހުންނަ އޭނާގެ ދަރިއެއްކަމުގައި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، މަންމައަށް ދަރިފުޅަކު ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ އިރުއޮއްސި 18:51 ހާއިރުގައި ކަމަށާއި، އަންހެންމީހާގެ ހާލު ސީރިއަސްކަަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ބުނީ މަންމައަށް ދަރިފުޅު ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ އާއިލީ މައްސަލައެއްގެ ތެރޭގައި ކަމަށެވެ.

އަދި ހަމަލާދިން މީހާއަކީ ނަފްސާނީ ބަލިމީހަކަށް ވާތީ އޭނާ ޑޮކްޓަރަށް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އެމައްސަލަ ތަޙްޤީޤު ކުރަމުންދާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.