ރައްޔިތުންގެ ހާލު ބެލުމަށް ސަރުކާރުގެ ވަފުދުތައް އަތޮޅުތަކަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވަިފިއެވެ.

"ކަންގަތި އެވޯޑް 2023" ދިނުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މަސައްކަތް ކުރައްވާނީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. އަދި ޚުދު އެމަނިކުފާނު ވެސް ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހައި ރަށަކަށް ވަޑައިގަންނަވާނެ ކަމަށާއި ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހައި ރަށަކަށް، ދައުލަތުގެ ވަޒީރުބޭފުޅުންނާއި ކުންފުނިތަކުގެ މަސްއޫލުވެރީން ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފުދުތައް ދަތުރުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު، ދިވެހި ކޮންމެ ރައްޔިތަކަށް ސުވާލުކުރެވޭ ގޮތަށް، އެ ރައްޔިތެއްގެ އުދާސްތަކާއި ހިޔާލުތަކާއި އުންމީދުތައް ސީދާ އެމަނިކުފާނަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަން ވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.