ގައުމީ އެއްބައިވަންތަކަމުގެ ދުވަސް މިއަދު މުޅި ރާއްޖޭގައި ފާހަގަ ކޮށްފިއެވެ.
މިއަދުގެ ފަތިސް ނަމާދު ފެށުނީ ގައުމީ އެއްބައިވަންތަކަން ފާހަގަކުރުމަށްޓަކައި އެއްވި ބޮޑު ޖަމާއަތެއްގެ ފަތިސްނަމާދުންނެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިދުވަހުގެ ހަނދާންތައް އައުކުރުމާއެކު، ވަނީ ދުވަސް ފެށުމުގެ ގޮތުން ހާއްސަކަންކަން ކޮށްފައެވެ. ހަމައެހެންމެ ދުވަހުގެ ބާކީ މިއޮތް ވަގުތުތަކުގައި ވެސް އިތުރު ކަންތައްތައް ކުރިއަށް ދާނެކަމަށްވެއެވެ.
އެގޮތުން ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ވަނީ ސުކޫތެއް ގެނެސްފައެވެ.
މި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ފޮޓޯ: ރަައީސް އޮފީސް
ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައިސުލްޖުމްހޫރިއްޔާ ނިކުމެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުން، ކުރީ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ.
އެސަރަޙައްދުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވިއެވެ. އަދި މާލެ ސަރަޙައްދުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެ މި ސްކޫތުގައި ބައިވެރިވިއެވެ.
ފޮޓޯ: ރަައީސް އޮފީސް
ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. ދިވެހިންގެ އެއްބައިވަންކަމުގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިޔާގައި ވިދާޅުވީ "ޤައުމަށް ކުރިމަތިވި ކޮންމެ އުނދަގޫ ވަގުތެއްގައި އަޅުގަނޑުމެން އިސްކުރީ އެއްބައިވަންތަކަން،" މިހެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ދަރުބާރުގޭގައި ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.