އާ ސަހަރާ އަށް ޖަނާޒާ އަށް ދާ މީހުން މަޑުކުރުމަށް ހަދާ ލައުންޖުގެ މަސައްކަތްތައް އާ ކުންފުންޏަކާ މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން މަރާމާތު ކުރަން ނިންމާފައިވަނީ އާސަޙާރާގެ އަންހެނުން ނަމާދު ކުރާ ސަރަޙައްދު ބޮޑު ކުރުމަށާއި އަދި ސަރަހާއަށް ގޮސްތިބޭ މީހުން މަޑުކޮށްލާނެ "ވެއިޓިންގ އޭރިއާ" އެއް ޤާއިމު ކުރުމަށެވެ.
މިކަން ކުރުމަށް ކުރަންޖޭހޭ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ސަހަރާގައި މިތަންތަން ގާއިމުކޮށް، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ 4.9 މިލިއަން ރުފިޔާއަށެވެ.
ނަމަވެސް ސިޓީ ކައުންސިލުން އެއްބަސްވުން ބާތިލްކުރީ އެއް މަސް ދުވަހުން ނިންމަން ހަވާލުކުރި މަސައްކަތް ނުނިމި ދިގުލައިގެން ދާން ފެށުމުންނެވެ. އެހެންނަމަވެސް އެއްބަސްވުް ބާތިލް ކުރި އިރު އެ ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މަސައްކަތް ހަވާލުކޮށްފައިވަނީ އާ ކުންފުންޏަކާ ކަމުގައެވެ. އެހެންނަމަވެސް، އެ ކުންފުނީގެ ނަމާއި އަދި މަސައްކަތް ހަވާލުކުރި އަގެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ.
ޕީއެންސީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް މި މަސައްކަތް ހަވާލުކުރިއިރު 15 ޕަސެންޓު އެޑްވާންސް ފައިސާގެ އިތުރުން، 2.6 މިލިއަން ރުފިޔާވެސް އެ ކުންފުންޏަށް ދީފައި ވެއެވެ. އެއީ މުޅި ޕްރޮޖެކްޓުގެ 53 ޕަސެންޓު ފައިސާ އެވެ.
މި މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ އެކަށައެޅި ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. އޭގެ ތެރޭގައި ސްޓަރްކަޗަރަލް ކުރެހުންތައްވެސް ހިމެނެއެވެ. މިގޮތުން އެއްބަސްވުން ބާތިލް ކުރިއިރު، މަސައްކަތުގެ 76 ޕަސެންޓު ނިމިފައި ވެ އެވެ. އެހެންނަމަވެސް، ފަހުން ގެނައި ބަދަލުތަކާ އެކު، އެއްބަސްވުން ބާތިލް ކުރިއިރު މުޅި މަސައްކަތުގެ 55 އިންސަައްތަ ނުނިމި އޮތްކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
ބާ އިމާރާތް ތަޅާލުމާއި އާ މިސްކިތުގެ ފައުންޑޭޝަނާއި ބައެއް ތަނބުތައް ޖެހުން ފިޔަވައި އިތުރު މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ. ހިނަވާގެ އާއި އެ ތަނުގައި ގާއިމްކުރާ ލައުންޖުގެ އެއްވެސް މަސައްކަތެއްވެސް ފަށާފައި ނުވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.