ޑިފެންސް މިނިސްޓްރީ އަށް އިތުރު ނާއިބު މިނިސްޓަރަކާއި ޕޮލިޓިކަލް ޑައިރެކްޓަރެއް އައްޔަނު ކޮށްފި އެވެ.

ނާއިބު މިނިސްޓަރެއްގެ ގޮތުގައި ޑިފެންސް މިނިސްޓްރީ އަށް އައްޔަން ކުރެއްވީ ފާތިމަތު މިޒްނާ އަލީ އެވެ. މިޒްނާގެ އިތުރުން އެ މިނިސްޓްރީ ގައި އެ މަގާމުގައި އިތުރު ބޭފުޅަކު އެބަ ހުންނެވި އެވެ. އެއީ މޭޖާ ޖެނެރަލް ރިޓަޔާޑް ވައިސް ވަހީދެވެ. ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރު ގައި ވައިސް ވަހީދު ހުންނެވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ގައެވެ. ރައީސް މުއިއްޒު، އެ މަގާމަށް ވައިސް ވަހީދު އައްޔަން ކުރެއްވީ 33 އަަހަރު ސިފައިންގެ ހިދުމަތު ގައި ހުންނެވުމަށް ފަހު ޝަރަފުވެރިކަމާ އެކު ހިދުމަތުން ވަކިވެވަޑައިގެންފައި ވަނިކޮށެވެ. ޑިފެންސް މިނިސްޓްރީގައި އަދި ހުންނެވީ އެންމެ ސްޓޭޓް މިނިސްޓަރެވެ. އެއީ މުއާޒް ހަލީމެވެ. ޕޮލިޓިކަލް ޑައިރެކްޓަރެއްގެ ގޮތުގައި ޑިފެންސް މިނިސްޓްރީއަށް އައްޔަން ކުރެއްވީ ފާތިމަތު ސަފާ އަހްމަދެވެ. އެ މަގާމަކީ މި ސަރުކާރުން އަލަށް އުފެއްދި މަގާމެކެވެ. އެއީ ނާއިބުންގެ ދަށުން އުފެއްދި މަގާމެކެވެ. ނަމަވެސް އެ މަގާމުގެ މުސާރައާ އިނާޔަތްތަކެއް އަދި ސާފެއް ނުކޮށް ދެއެވެ. ރައީސް ސޯލިހްގެ ސަރުކާރުން ނާއިބު މިނިސްޓަރުން ދަށުގެ މަގާމެއްގެ ގޮތުގައި އުފެއްދެވީ އެގްޒެެކެޓިވް ޑިރެކްޓަރުގެ މަގާމެވެ. ރައީސް ޔާމީންގެ ސަރުކާރުން އެ މަގާމުތަކަށް މީހުން އައްޔަން ކުރީ ކޯޑިނޭޓަރުންގެ ގޮތުގައެވެ. މި ސަރުކާރުގައި ސްޓޭޓް މިނިސްޓަރުންނާއި ނާއިބުގެ އަދަދު އިތުރު ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. ނަމަވެސް ޑިފެންސް ގައި އަދި ސިޔާސީ މަގާމުތައް ވަރަށް މަދެވެ.