ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް މީޑިއާއަށް ހާމަކުރުމަށް ނޫސްވެރިންގެ ސިލްސިލާ ބައްދަލުވުންތައް ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މި ހަފުތާގައި ފަށައިގެން ކުރިއަށްދާކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތަކާއި، ކުރަމުންދާ މަސައްކަތްތަކާއި، ގުޅޭ މައުލޫމާތު، ހިއްސާކުރުމަށް ރައީސް އޮފީހުން، ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސަރުކާރުގެ ވުޒާރާތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތަފުސީލު ހާމަކުރައްވަމުން، ޝަހީބު ވިދާޅުވީ މި މަހުގެ 25 ވީ ހޯމަ ދުވަހު މީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފަވާކަމުގައެވެ. އަދި އެ ބައްދަލުވުން ބޭއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯމާލަމުގައެވެ. ކުރިއަށްއޮތްތާނގާ އެހެން މިނިސްޓްރީތަކުންވެސް މިފަދަ ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށްގެންދަވާނެކަމުގައި ޝަހީބު ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާއި ގުޅޭ މައުލޫމާތު ހާމަކުރުމަށް ރައީސްގެ އޮފީހުން އަންނަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންކަމަށާއި، މި ގޮތަށް ނޫސްވެރިންގެ ބައްދަލުކުރެއްވުންތައް ބާއްވަނީ ސަރުކާރުން ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ކަންކަން އަންގައިދެއްވުމަށްކަމުގައި ޝަހީބު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން އެއްވެސްވަރަކަށް ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމަށާއި، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ސަރުކާރު ހިންގަވާނެ ކަމަށްވެސް ވިދާޅުވިއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންނަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރާއި ގުޅޭ މަޢުލޫމާތު ހާމަކޮށްދޭން، ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ބައްދަލުވުމުގެ ތެރެއިން ދެވަނަ ނޫސްވެރިންގެ ބައްދަލުވުމެވެ.